މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ ފަސް ޕަސެންޓުގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

އައިއެމްއެފް އިން ނެރެފައިވާ "ގްލޯބަލް އިކޮނޮމިކް އިންޑެކްސް"ގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއެރީ 8.1 ޕަސެންޓުގައެވެ. އެހެންވެ މި އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި ވަރު ވަނީ 3.1 ޕަސެންޓް ދަށްވެފަ އެވެ.

މި ވަރަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ސަރުކާރުން ލަފާކުރި ވަރަށްވުރެވެސް ދަށް އަދަދެކެވެ.

އެގޮތުން އެމްއެމްއޭ އިން ލަފާކުރާ ގޮތުން ރާއްޖޭގެ އިގުތިސާދު މި އަހަރު ކުރިއަރާނީ 5.5 ޕަސެންޓުގައެވެ. އަދި މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރު އިގުތިސާދު 6.7 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓު މިއަހަރު 2.4 ޕަސެންޓަށް ދަށަށް ދާނެއެވެ. މިދިޔަ އަހަރު އިންފްލޭޝަން ރޭޓު ހުރީ 3.6 ޕަސެންޓުގައެވެ.

އައިއެމްއެފުން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރުން ފެށިގެން ގޮސް 2028 ވަނަ އަހަރާ ހަމައަށްވެސް ރާއްޖޭގެ އިންފްލޭޝަން ހުންނާނީ ދެ ޕަސެންޓުގައެވެ.