އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑް ފަދަ ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ދިވެހިން ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިމާމުން އިރުތަށް ތަމްރީނުކޮށް ތާޒާކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ތައިލެންޑަށް ފޮނުވައިގެން އިމާމުން ތަމްރީނުކުރުމަށް އެ ގައުމުގެ ސަފީރާއެކު މަޝްވަރާކޮށް އެކަން ހަމަޖެހިފައިވާ ކަމަށެވެ.

"މިނިސްޓްރީގެ ފަރާތުން ވަރަށް ބޭނުންކަމެއް އެއީ އިމާމުންނަށް އިތުރު ތަމްރީނުތައް ދިނުން. އިލްމީގޮތުން އިތުރު ހަރުފަތަކަށް ދިއުން. ތަމްރީނު ޕްރޮގްރާމްތަކަށް ތައިލެންޑަށްވެސް ފޮނުވުމަށް ވަނީ ހަމަޖެހިފަ،" ޝަހީމް ވިދާޅުއްވިއެވެ.

އިމާމުން ތާޒާކުރުމަށް ޖުމުލަ ނުވަ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަން، އިސްލާމިކް މިނިސްޓްރީގެ މިއަހަރުގެ އެކްޝަން ޕްލޭންގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އަގީދާއާއި އަހުލާގު، ތަޖުވީދުގެ ފަލްސަފާޔާއި ތަގުވީދީބައި، އިމާމުންގެ އަހުލާގު ބިނާކުރުން، އަޅުކަމުގެ ފިގުހު، ހަދީސާއި އިސްލާމީ ސަގާފަތް، ނަމާދާ ބެހޭ ފިގުހީ ބައިތަކާއި އޭގެ މަހުދަލުތައް ކިޔަވައިދިނުމުގެ އިތުރުން ގުރުއާނާ ބެހޭ އިލްމު ހިމެނެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި ބައެއްގެ ގޮތުގައި ހިމެނުން ކަމަށާއި ހަމައެކަނި ސެޓްފިކެޓް ކޯސް ހަދާފައި ތިބޭ ތިބުން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި އިމާމުންނަކީ އިލްމީގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ވަރުގަދަ ޝަހުޝިއްޔަތުތަކަކަށް ހަދަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ހުތުބާ ކިޔަމުން ދާއިރުގައިވެސް މުސްލިމު އަހުންނޭ ބުނާ ވަގުތު އެއްވެ ތިބި މީހުންނާއި ދިމާލަށް ބަލައިލުމަކީވެސް ހުތުބާ ކިޔުމުގެ ހުނަރެއް. ތާޒާ ކުރުމުގެ ޕްރޮގްރާމަކީ ފަސްދުވަސް ނުވަތަ ހަ ދުވަހު ބޭއްވި ނަމަވެސް ކޮންމެ މީހަކީވެސް ސެޓްފިކެޓް ލެވެލް ނުވަތަ ފައުންޑޭޝަން ނުވަތަ ޑިޕްލޮމާ ކޯހެއްގައި ލިބޭ މައުލޫމަތުތަކަށްވުރެ އެތައް ގިނަ މައުލޫމާތުތަކެއް ﷲ އިރާދަކުރެއްވިއްޔާ ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު ފަށާނީ ހުވަދު އަތޮޅުގައި ކަމަށާއި އެ ޕްރޮގްރާމުގައި 77 އިމާމުން ބައިވެރިވާނެ ކަމަށެވެ. އަދި މިއަހަރު ނިމޭއިރުގައި ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުން ވެސް އެ ޕްރޮގްރާމް ނިންމާފައި ތިބި ބައެއްގެ ގޮތުގައި ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޑިގްރީ ހަދާފައި ތިބި އިމާމުންނަށް މާސްޓާސް ހަދަން ސްކޮލަޝިޕްގެ ފުރުސަތު އަދި މަސްޓާސް ނިންމަވާފައިވާ ބޭފުޅެއް ވެއްޖެއްޔާ ޕީއެޗްޑީއަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އިމާމުން ތާޒާކުރުމަށް ފުރަތަމަ މާސްޓާސް ހަދަން އެ ފުރުސަތު ދޭނެ ކަމަށާއި އިމާމުންގެ މުސާރައަށް ވެސް ރަނގަޅު ބަދަލެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިމާމުންނާ ގުޅޭ ތަމްރީނުތަކުގެ މުޝްރިފަކަށް (އިސްމީހަކަށް) ހުންނަވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފު ކަމަށާއި މިސްކިތްތަކާ ބެހޭ މަޖިލީހުގެ ކަންކަންވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.