ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ހިތުގައި އޭނާއާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބައްލަވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން ވަނީ ފާސްކޮށްފައެވެ.

ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް 30 މެންބަރަކު ވޯޓު ދެއްވި އިރު 31 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެންބަރުން ތިއްބެވިއެވެ.

ޝަހީމާއެކު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށްވެސް ވެސް ރުހުމެއް ނުލިބުނެވެ. ނަމަވެސް، ރައީސް ވަނީ އެ ތިން ބޭފުޅުން އަލުން މަގާމަށް އައްޔަން ކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓަރުކަމާ ޝަހީމް އަލުން ހަވާލުވެވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

"ދެން ކުރިއަށް ދާން އޮތީ ވެސް މާ ފަސޭހަ މަގެއް ނޫން އެހެން ނަމަވެސް، އަޅުގަނޑުމެން އަޒުމާއި ހިތްވަރާ އެކު ކުރިއަށް ދަނީ. މަޖިލީހުގެ ބައެއް މެންބަރުން އަޅުގަނޑާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި އެ ކަންތައްތައް ހައްލު ކުރަން ވެސް އަޅުގަނޑުގެ ފަރާތުން މަސައްކަތް ކުރާނަން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ސިޔާސީ ތޫފާނުގެ ތެރޭގައި އަންނަ ރޯޅީގައި އިސްލާމިކް މިނިސްޓްރީ ބަލިކަށިކޮށް ނުލެވޭނެ ކަމަށާއި އެ މިނިސްޓްރީން ކުރަން ޖެހޭ ހަގީގީ އަސްލު މަސައްކަތް އަދި ފަށައިވެސް ނުގަނެވޭނެ ކަމަށެވެ.