ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެ، ހ. ތިމާވެށީގެ ފަސްވަނަ ފަންގިފިލާ އިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާ އިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު 30 އަހަރުގެ ދިވެހި ފިރިހެނެއް އަދި މިދިޔަ ހޮނިހިރު ދުވަހު 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ގެއިން ވަގަށް ނެގި ބައެއް ތަކެތި މިހާރު ވަނީ ހޯދައިފައެވެ. އޭގެ ތެރެއިން ބައެއް ތަކެތި ފެނުނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެއިން ކަމަށާއި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭ ކަމަށްވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު