ރާއްޖެ އެތެރެކުރާ، ލަންކާގެ ކުންފުންނަކުން އުފައްދާ ޕެނެޑޯލް (ޕެރެސެޓެމޯލް) 500 މިލިގްރާމްގެ ކާ ބޭހުގެ ކޮލިޓީ ދަށްކަމުން އެ ބޭސް އެތެރެކުރުމާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ އެލާޓެއްގައި ބުނީ، ރާއްޖެ އެތެރެކުރާ ބޭހުގެ ކޮލިޓީ ކަށަވަރު ކުރުމަށް "ޕޯސްޓް މާކެޓް ސާވައިލަންސް ޓެސްޓް ޕްލޭން" އެއް ހަދައި އެ ޕްލޭނާ އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީ އަދި ކުއަންޓިޓޭޓިވް ޓެސްޓުތައް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ލަންކާގެ ކުންފުންޏަކުން އުފައްދާ ޕެނަޑޯލް 500 މިލިގްރާމް ބޭސް ޓެސްޓު ކުރި އިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަން ކޮޅު ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ، އާންމު ގޮތެއްގައި ބޭހުގެ ކޮލިޓީ ދަށްވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ކަމަށެވެ. އެފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބުންޏެވެ.

އެހެންވެ އެ އޮތޯރިޓީން ވަނީ ވަކި ގޮތެއް އަންގަންދެން، ފާމަސިތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު އެ ބޭސް ނުވިއްކުމަށް އެދިފައެވެ. އަދި ތަހުގީގު ނިމެންދެން އެ ބޭސް ރާއްޖެ އެތެރެކުރުން ރެސްޓްރިކްޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެފްޑީން އިތުރަށް ވަނީ، މިވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި އެ ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެއްޓުމަށްވެސް އެދިފައެވެ.