ރައްޔިތުންގެ މަޖިލީހުން ރުހުން ނެތް ކަމަށް ފާސްކުރި ތިން ވަޒީރުން، އަލުން މިނިސްޓަރުކަމުގެ ހުވާކުރައްވައިފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފައެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް "ވަން" އަށް މިއަދު ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އެ ތިން ވަޒީރުން އަލުން ވަޒީރުކަމުގެ ހުވާކުރައްވާފައިވާ ކަމަށާއި އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށެވެ.
މަޖިލީހުން އެ ތިން ވަޒީރުންނަށް ރުހުން ނެތް ކަމަށް ފާސްކުރުމުން، ގާނޫނުގެ ދަށުން އަލުން ހުވާލުކުރުމަށް ވަޒީރުން އިސްތިއުފާދެއްވާކަށް ނުޖެހެއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "ވަން" އަށް މިއަދު ވިދާޅުވީ މަޖިލީހުން ރުހުން ނެތް ކަމަށް ފާސްކުރުމުން މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ވަޒީރުކަމުން އޮޓޮމެޓިކުން ވަކިވާނެ ކަމަށާއި އެހެންކަމުން އިސްތިއުފާދެއްވަން ނުޖެހޭ ކަމަށެވެ.
އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވުމުން، ރުހުން ހޯދުމަށް އަނެއްކާވެސް މަޖިލީހަށް ފޮނުވަން ޖެހޭނެއެވެ. ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހޭނީ މަގާމަށް އައްޔަންކުރާތާ ހަތް ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު