މާލެ ސިޓީ ކައުންސިލުން ވިއްކި ޕާކިން ޖާގަތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން ކުއްޔަށް ދޫކުރި ޕާކިންތަކާ ގުޅޭ ޝަކުވާއެއްވާ ނަމަ، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ޝަކުވާ ފޯމު ހުށަހަޅަން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ޕާކިން ސްލޮޓު ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި، ޕާކިން ސްލޮޓު ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނުހަދާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އޭގެ އިތުރުން ޕާކިން ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް ވެސް ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މާލެ ސިޓި ކައުންސިލުގެ އިއުލާންގައި އިތުރަށް ބުނީ، ޝަކުވާ ހުށަހަޅާނީ ސިޓީ ކައުންސިލުގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް ނުވަތަ ލިޔުމަކުން ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން، ޕާކިން ޖާގަތައް ކުއްޔަށް ދޭން ހުޅުވާލީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޕާކިން ޖާގަތަކަށް ހަތަރު ފުޜޮޅުލީ އެއްގަމު އުޅަނދަށް މަހު ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ ޓެކްސީތަކަށް މަހަކު 650 ރުފިޔާ، ޕްރައިވެޓް ކާރުތަކަށް މަހަކު 1،500 ރުފިޔާ އަދި ކުންފުނިތަކަށް މަހަކު 3،000 ރުފިޔާއެވެ.

އެ ޕާކިންތައް ކުއްޔަށް ދޫކޮށްފައިވަނީ ގިނަވެގެން އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ޕާކިން ސްލޮޓުތަކަށް އޭރު ހުޅުވާލީ ކޮންމެ މީހަކަށް ތަފާތު ތިން ސަރަހައްދަކުން ސްލޮޓަށް އެދެވޭ ގޮތަށެވެ.

މީގެ ކުރިންވެސް ސިޓީ ކައުންސިލުން ދޫކުރި ޕާކިން ޖާގަތަކަށް އެދި ގިނަ ބަޔަކު ފޯމު ލުމުން، ގިނަ ސްލޮޓުތައް ދިނީ އާންމުކޮށް ސައިކަލުތައް ޕާކުކުރާ ސަރަހައްދުތަކުންނެވެ. އަދި ބައެއް ޕާކިން ޖާގަތައް ވިއްކީ އެންމެ ރަނގަޅަށް ނޫން ކަމަށްބުނެ، އެކަމާ ގުޅިގެން ތުހުމަތުތަކަކާއެކު ގިނަ އާންމުންގެ ކަންބޮޑުވުންތަކެއް ވެސް އޭރު ފާޅުކުރަމުންދިޔައެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި މިހާރު މޭޔަރަކަށް ހުންނެވި އާދަމް އާޒިމް ވަނީ އެކަމަށް ޝަކުވާއަށް ހުޅުވާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި މާލޭ ސިޓީ ކައުންސިލަށް ރައްދުވާ ތުހުމަތުތަކަށް ޖަވާބެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.