ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިނިސްޓަރު އޮފް ފިނޭންސް ޑޮކްޓަަ މުހައްމަދު ޝަފީގަށް މަޖިލީހުގެ ރުހުން އޮތް ކަމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދޭން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްކުރިއެވެ.

މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަ މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަ އަލީ ހައިދަރު އަހުމަދެވެ.

މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަަރާތުން ރުހުން ނުދޭން ނިންމި ވަޒީރުންނެވެ.