ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓަރެސްޓް ރޭޓު އަނެއްކާވެސް ދަށްކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓަރެސްޓް ރޭޓު 2.5 ޕަސަންޓަށް ދަށްކުރުމަށް ނިންމާފައިވާ ކަމަށާއި މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސްއަށްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ އެ ރޭޓު ކަމަށެވެ.
އޭގެ އިތުރުން ގެނެވުނު އަނެއް ހެޔޮ ބަދަލަކީ ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަސަންޓާ ހަމައަށް ފައިނޭންސް ލިބޭ ގޮތަށް ގެނެވުނު ބަދަލެއް ކަމަށާއި ފައިނޭންސިން ރޭޓަށް ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
"މަތީ ތައުލީމު ހާސިލުކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓު 2.5 ޕަސަންޓަށް ދަށްކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. ފައިނޭންސިން ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި،" އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވިއެވެ.
މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާ އިރު، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު