އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފިއެވެ.

ހަތަރު ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ފާސް ކޮށްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަން ވަނީ އެ ޕާޓީގެ މަޖިލިސް މެންބަރަކު "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، ބަންޑާރަ ނައިބު އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ނިންމައިފައެވެ. ދަ ޑިމޮކްރެޓްސް އިން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ ސައީދަށް ރުހުން ދޭން ނިންމައިފައެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ބަހުސްކޮށް މިހާރު ވަނީ ނިމިފައެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަންވެސް ވަނީ ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ މައްސަލަ ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓިގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.

ބަހުސްގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް ވިދާޅުވީ، ގާނޫނު އަސާސީގައި ބުނާ ވަޒީރުންގެ ފުރިހަމަ ވާން ޖެހޭނެ ކަމަށް ބުނާ ޝަރުތު ތަކަކީ އާދައިގެ ޝަރުތުތަކެއް ކަަމަށާއި، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި އެ ވަޒީރަކީ އޭނާއާ ހަވާލުކުރާ މަސައްކަތްތައް ކުރުމުގެ ލަޔާގަތާއި ގާބިލުކަން ހުރި ވަޒީރެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރި ކޮމެޓީން އެކަން ބަލާފައި ނުވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ބައެއް ވަޒީރުންނަށް އެ ޕާޓީން ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ މަޖިލިސް މެންބަރުން ގަންނަން ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުން ކަމަށާއި އެއީ އަމިއްލަ އެދުން ކުރިއަށް ނެރުން ކަމަށެވެ.