މޯލްޑިވްސް އެސޮސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.

މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޫޒަން މީގެ ކުރިން ހުންނެވީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި އޭނާއަކީ ރާއްޖޭގެ ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފުރަތަމަ އަންހެން ބޯޑު މެންބަރުކަމުގެ ލަގަބުވެސް ހާސިލުކުރައްވާފައިވާ ފަރާތެއް ކަމަށެވެ. އަދި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވްސް އެމްޕްލޯޔާސް (އެފްއެފްއެމްއީ)ގެ އެގްޒެކެޓުވް ބޯޑު މެންބަރުކަންވެސް އަދާކުރައްވާފައިވެއެވެ.

މަޓާޓޯގެ ބަޔާނުގައި ބުނީ ފިރިހެނުން ޑޮމިނޭޓުކޮށްފައިވާ ދާއިރާއެއްގައި ސޫޒަންއަކީ ގިނަ ހުރަސްތަކެއް ގިރާކޮށްފައިވާ ފަރާތެއް ކަމަށާއި މި ދާއިރާގައި އަންހެނުންނަށް ކުރި ހޯދޭނެ ކަމުގެ ނަމޫނާ ދައްކާފައިވާ ކަމަށެވެ.

ޓޫރިޒަމްއަކީ ރާއްޖޭގެ އިގުތިސޯދަށް މުހިންމު ސިނާއަތަކަށްވާ އިރު، މި ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އަންހެނުންނަކީ އެންމެ fަސް ޕަސަންޓު ކަމަށް ފާހަގަކޮށް މަޓާޓޯއިން ބުނީ ޓޫރިޒަމް ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެސޮސިއޭޝަނުން ދެކޭ ކަމަށެވެ. އަދި އެ އެސޮސިއޭޝަނުގެ ސީއީއޯގެ މަގާމަށް ސޫޒަން އައްޔަނު ކުރުމަކީ އެކަމަށް މަޓާޓޯއިން ދޭ އަހަންމިއްޔަތުކަމުގެ ރަމްޒެއް ކަމަށް ބުންޏެވެ.

ސޫޒަން އެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން، އެއީ ވަކި ޖިންސަކަށް ވީތީ ދާއިރާގައި ކުރިއެރުމަށް ކުރިމަތިވާ ދަތިތައް ނައްތާލުމަށް މަޓާޓޯއިން އަހަންމިއްޔަތު ކަމެއް ދޭކަން ދައްކުވައިދޭ ކަމެއް ކަމަށް އެ އެސޮސިއޭޝަނުގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި ކަމަށް ބަޔާނުގައި ބުންޏެވެ. އަދި މި އަހަރަކީ ލޯކަލް ޓެރެވެލް އެޖެންޓުންނަށް ހާއްސަ އިސްކަމެއް ދީގެން ކަންތައްތަކެއް ރާވާ އަހަރަކަށް ވާއިރު، އެ އެސޮސިއޭޝަނުގެ އަމާޒުތަކަސް ވާސިލުވުމަށް ސޫޒަންގެ ދައުރު މުހިންމު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި ކަމަށް ބުންޏެވެ.