ފަލަސްތީނުގައި ހިންގާ ގަތުލުއާއްމުގެ އަމަލުތައް ހުއްޓާލަން ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުގެ މައްޗަށް އަމުރުކޮށްފިއެވެ.

އިޒްރޭލުން ފަލަސްތީނުގައި ގަތުލްއާއްމު ހިންގާފައިވާ ކަމަށް ބުނެ، އެ އަމަލުތައް ވަގުތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް އެދި

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ މި މަހުގެ ކުރީކޮޅުއެވެ. ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގައި ގާޒާގައި ހަމަލާ ބަދަލުކުރުން ވަގުތުން މެދުކަނޑާލުމުގެ އަމުރެއް ނެރެދިނުމަށްވެސް އެދުނެވެ.

އެ މައްސަލަ ބާތިލުކުރުމަށް އިޒްރޭލުން ކޯޓުގައި އެދިފައި އޮތް ނަމަވެސް މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރުން ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށާއި އެހެންވެ އެ މައްސަލަ ބެލުމުގެ އިހުތިސާސް ކޯޓަށް ލިބިގެންވާ ކަމަށެވެ.

ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގައި އައިސީޖޭ އިން މިއަދު ވަގުތީ އަމުރެއް ނެރުމުގެ މަގުސަދަކީ އެ މައްސަލާގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާއިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ.

އެ މައްސަލައާ ގުޅިގެން އައިސީޖޭ އިން މިއަދު ނެރުނު އަމުރުގައި އިޒްރޭލުން، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އަންގާފައެއް ނުވެއެވެ. ނަމަވެސް ހަތް ކަމެއް އިޒްރޭލަށް އަމުރުކުރިއެވެ.

އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމުވި ނަމަވެސް، އައިސީޖޭގެ ނިންމުންތައް ތަންފީޒު ކުރާނެ ބޮޑީއެއް ނޯވެއެވެ. އެހެންކަމުން އިޒްރޭލުން އައިސީޖޭގެ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.