ހައްޖުގެ އަޅުކަމުގެ އަގުހެޔޮކުރުމަށް ޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުން އެބަދާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި ރޭ ބޭއްވި ވަޒީރުންގެ "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުން އަރަފާތު ބިމުގައާއި މިނާގައި ތިބޭ ތަން އެއީ ރަނގަޅު ތަނަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށާއި މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ތަނާއި ދިވެހީންނަށް ލިބޭ ހިދުމަތް މިފަހަރު ތަފާތުވާނެ ކަމަށެވެ.
"ދެން އޮތީ ކުރިއަށް އޮތް ތަނުގައި ހައްޖުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އަގުހެޔޮ ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެއް ދުވަހު ދެ ދުވަހުން ކުރެވޭނެ ކަންކަމެއް ނޫން. އެކަމުގެ ސިޔާސަތުތަކެއް ކަނޑައެޅިގެން، އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެގެން އިރާދަކުރެއްވިއްޔާ ހައްޖު ކޯޕަރޭޝަނުން އެ މަސައްކަތް ކުރިއަށް އެބަ ގެންދަވާ. އެމްޑީ މުހައްމަދު ޝަކީލްގެ ލީޑާޝިޕްގައި، ރައީސްގެ އިރުޝާދުގެ ދަށުން އަޅުގަނޑު އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހެޔޮ ބަދަލުތަކެއް މި ނިޒާމަށް އަންނާނެއޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކުރިއަށްދާން ބޭނުންވަނީ މެލޭޝިއާގެ ހައްޖު ފަންޑު ނުވަތަ ހައްޖު މުއައްސަސާއިން ކުރިއަށްދާ މިންގަނޑާއި އުސޫލުގެ ތެރެއިން ކަމަށާއި އެގޮތަށް މަސައްކަތްކޮށްފި ކަމުގައިވާ ނަމަ، އެ ހައްލު އަންނާނެ ކަމަށެވެ. ދާދިފަހުން ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެގައުމަށް ކުރެއްވި ފުރަތަމަ ދަތުރުކަން ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
"ދިހަ އަހަރު ފަހުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ސައުދީއަށް މި ދިޔައީ ދިވެހި ރައްޔިތުންނަށް ހިދުމަތެއް ލިބޭނެ މަގެއް ފަހިވޭތޯ. އެންމެ ފަހުން ވެސް ދިޔައީ އަޅުގަނޑު، 2014 ވަނަ އަހަރުގައި. އޭގެ ފަހުން ރަސްމީކޮށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ސައުދީ އަރަބިއާއަށް ގޮސްފައެއް ނުވޭ، މިއީ ވަރަށް ދެރަ ކަމެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ އަސާސީ ދީނީ ހިދުމަތް ފޯރުކޮށްދޭ ދައުލަތަކީ ސައުދީ އަރަބިއާ، ހައްޖާއި އުމްރާގެ ހިދުމަތް. އަދިވެސް އެނޫން ވަރަށް ގިނަ ކަންތައްތަކުގައި މުއާމަލާތްކުރަން ޖެހޭ ރަސްމީ ކިތަންމެ ކަމެއްގައި. ދިވެހިރާއްޖޭގައި އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ހަރަދުކުރެއްވި ގައުމަކީ ސައުދީ އަރަބިއާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ކަންތައްތަކުގައި ރަނގަޅު ހައްލު ހޯދުމަށްޓަކައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި ބޭފުޅަކު ސައުދީ އަރަބިއާއަށް އަބަދުވެސް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ހައްޖު ކޯޓާ އިތުރުކުރުމުގެ މަސައްކަތަކީ ވެސް ރައީސް މުއިއްޒު އަމިއްލަފުޅަށް ފެއްޓެވި މަސައްކަތްޕުޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައުދީ އަރަބިއާގެ ސަރުކާރުން ރާއްޖެއަށް ދޭ ހުރިހާ ހައްޖު ކޯޓާއެއް، ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. ކޮންމެ އަހަރަކު ރާއްޖެއަށް ލިބެނީ 1000 ހައްޖު ކޯޓާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު