ޑޮލަރުގެ އެކްސްޖޭންޓު ރޭޓު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިހާރު ފަށައިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި ޑޮލަރުގެ އެކްސްޖޭންޖު ރޭޓު ހަމަޔަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި މިރޭ ބޭއްވި "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ އަގުބޮޑުވުން ކަމަށެވެ. ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އެބައޮތް ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. ކުދި ވިޔަފާރިތައް އަގުހެޔޮކޮށް ޑޮލަރު ގަންނަން ލިބޭނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރަސްމީ މާކެޓުގައި 15.42 އަށް ލިބެން ހުއްޓަސް ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް. މި ހަގީގަތާ އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތައް އެބަހުރި، އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި އެކްސްޗޭންޖް ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން. މިހާރުވެސް އެ މަސައްކަތް ފަށާފައިވީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބޭރުގެ އެހީއާއެކު ކުދި ވިޔަފާރިތަކަށް ހާއްސަ ލޯން ސްކީމުގެ ފުރުސަތުތަކެއް ހަމަޖެހިފައިވާ ކަމަށާއި އެ ލޯނުތައް ދޫކުރުމުގެ ކަންކަން މިހާރު ރާވަމުންދާ ކަމަށެވެ.

"ސަރުކާރުގެ ބޭރުގެ އެހީތަކާއެކު ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ލޯނުތަކެއް އެބަ ރާވައި، ފައިސާ ދޭން ގަސްދުކުރަން،" ސައީދު ވިދާޅުވިއެވެ.

އެގޮތުން 100 މިލިއަން ލޯނެއްގެ ތެރެއިން 50 ޕަސަންޓު ހާއްސަ ކުރާނީ އަންހެނުން ވިޔަފާރީގެ ގޮތުން ބާރުވެރިކުރަން ކަމަށް ސައީދު ވިދާޅުވިއެވެ. ދެ ޖިންސުގެ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން އެގޮތުން، "ކްރިއޭޓާ އިކޮނޮމީ" ހަބެއްގެ ބިންގާ ވަރަށް އަވަހަށް އަޅާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"ކްރިއޭޓާ އިކޮނޮމީ" ހަބުގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށާއި އީޖާދީ މަސައްކަތްތެރިންނަށް ބޮޑު ޖާގައެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.