ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ހުޅުމާލެ ފޭސް ދޭއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، ވިނަރެސް ޓަވަރު 8 ގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެކަމަށެވެ. އޭގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިވަގުތުވެސް 3 އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރު ހުޅުމާލޭ ފޭސް 1ގައި ގާއިމުކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއްވެސްމެ. މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާނަން." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 138 އޭޓީއެމް ބީއެމްއެލް އިން ވަނީ ބަހައްޓާފައެވެ. އަދި އެ ބޭންކުގެ 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން އެކި އަތޮޅުތަކުގައި މަސައްކަތްކުރެއެވެ.

މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.