ރާއްޖެއަށް އަންނަ ޗައިނާ އުޅަނދުތަކުގެ ހަރަކާތްތައް ގާތުން ބަލާނެ ކަމަށް އިންޑިއާގެ ނޭވީ ޗީފް، އެޑްމިރަލް އާރް ހަރީ ކުމާރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހަރީ ކުމާރު ވަނީ ސަރަހައްދުގެ މަސްލަހަތާ ގުޅިގެން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވައިފައެވެ. މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި މީގެ ކުރިން ކޮންފްލިކްޓެއް ނެތް ނަމަވެސް، މި ފަހަކަށް އައިސް މަސްލަހަތު ގޯސްވަމުން ދާތަން ފެންނަ ކަމަށް ވިދާޅުވިއެވެ.
އިންޑިއާ ކަނޑުގައި ޗައިނާގެ އުޅަނދުތައް ގިނަވަމުންދާ ކަމަށާއި އެކަމާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަރީ ކުމާރު ވިދާޅުވީ ކޮންމެ ގައުމަކަށްވެސް ކަނޑުގެ ސަރަހައްދުތައް އެކި ބޭނުންތަކަށް ބޭނުންކުރުމުގެ ހައްގު އޮންނަ ކަމަށެވެ. ނަމަވެސް ޗައިނާގެ އުޅަނދުތައް ސަރަހައްދުގައި ގިނަވާކަންވެސް ފާހަގަ ކުރެވޭ ކަމަށާއި، ގިނައިން ފެންނަނީ ދިރާސާ ކުރާ އުޅަނދުތަކާއި މަސްބޯޓުތައް ކަމަށް ފާހަގަ ކުރެއްވިއެވެ. އެ އުޅަނދުތަކުގެ ހަރަކާތްތައް ގާތުން ބައްލަވާނެ ކަމަށާއި ކުރަނީ ކޮން ކަހަލަ ދިރާސާއެއްކަންވެސް ބައްލަވާނެ ކަމަށް ހަރީ ކުމާރު ވިދާޅުވިއެވެ.
އެ އުޅަނދުތައް ދަތުރުކުރަމުން ދަނީ ރާއްޖެއާ ދިމާލަށް ކަމަށް ވާހަކަ ދެކެވޭ ކަމަށާއި އެކަމާ ގުޅޭގޮތުން ވިދާޅުވާނީ ކީކޭތޯ ސުވާލު ކުރުމުން ހަރީ ކުމާރު ވިދާޅުވީ މީގެ ކުރިންވެސް ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު (އީއީޒެޑް)ގައި ޗައިނާގެ އުޅަނދުތަކެއް ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އުޅަނދުތައް ރާއްޖެއަށް ދަތުރުކުރަމުން ދަނީ ރާއްޖޭގެ ދައުވަތަކަށް ކަމަށްވެސް ވެދާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ހަރަކާތްތަކެއްވެސް ގާތުން ބަލަމުންދާނެ ކަމަށް ހަރީ ކުމާރު ވިދާޅުވިއެވެ.
ހަރީ ކުމާރު މިހެން ވިދާޅުވެފައިވާއިރު، ޗައިނާގެ ސާވޭ ބޯޓެއް ކަމަށްވާ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަން ދަތުރު ފެށުމުން އިންޑިއާއިން ވަނީ އެ ބޯޓަކީ ޗައިނާގެ ޖާސޫސީ ބޯޓެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ބޯޓު ރާއްޖެ އަންނަނީ ހުއްދަ ނަގައިގެން ކަމަށާއި ރާއްޖެ އަޔަސް އެއްވެސް ދިރާސާ މަސައްކަތެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ބުނެފައި ވެއެވެ.
ޗައިނާގެ އެ އުޅަނދަކީ އެގައުމުގެ އަސްކަރިއްޔާގެ އުޅަނދެއް ނޫނެވެ. ނަމަވެސް އެފަދަ އުޅަނދުތަކުން މައުލޫމާތު އެއްކުރުމަށްފަހު، އެ މައުލޫމާތު ޗައިނާގެ އަސްކަރިއްޔާއާ ހިއްސާކުރާ ކަމަށް އިންޑިއާ، އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން ތުހުމަތުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު