މި ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުވާނެ ފަދަ ކަމެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް އެހެން ވިދާޅުވެފައި މިވަނީ، ރިސޯޓުތަކުގައި މިއުޒިކާއި ފަންނުވެރިކަމާ ގުޅޭ އެހެން ކަންކަމަށް ރާއްޖެއިން ބޭރުން މީހުން ގެނައުމަށް އަލުން ވިސާ ދޫކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެދިފައިވާ ކަމަށްބުނެ އެކަމަށް ފާޑުކިޔުންތައް އަމާޒުވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައިސަލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ ފަރާތުން ދިވެހި ފަންނާނުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެކަމާ ގުޅޭ ކަންބޮޑުވުންތައް އަޑުއައްސަވައި، ހައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރައްވާނެކަން. ކުރިއަށްއޮތް ދުވަސްތަކުގައި ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑުއަހައި، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން،" ފައިސަލް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހީން ކަމަށާއި އިންޑަސްޓްރީގައި ފަންނާނުންނަށް ކަށަވަރު މަގާމު، މިނިސްޓަރު ފައިސަލްގެ ލީޑާޝިޕްގެ ދަށުން ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރިސޯޓުތަކުގައި މިއުޒިކާއި ފަންނުވެރިކަމާ ގުޅޭ އެހެން ކަންކަމަށް ރާއްޖެއިން ބޭރުން މީހުން ގެނައުމަށް ވިސާ ދޫކުރުން ހުއްޓާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.