އެ މަނިކުފާނުގެ ސަރުކާރުން ބުރިޖު އަޅާނީ އަނގަބަހުން ނޫން ކަމަށާއި އަމަލީ ގޮތުން ބުރިޖު އެޅުމަށްފަހު ދައްކަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުރިޖު އެޅުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
"އައްޑޫ ސިޓީގެ އަޅުގަނޑުމެން ހަމައެކަނި އަނގަބަހަކުން ނޫން ބުރިޖު އަޅާނީ، އަމަލީ ގޮތުން އިރާދަކުރެއްވިއްޔާ ބުރިޖު އަޅާފަ ދައްކާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫގެ ހިތަދޫއާއި ހުޅުމީދޫ ގުޅުވާލުމުގެ ބުރިޖުގެ ފީސިބިލިޓީ މަސައްކަތް މިހާރު ވަނީ ފަށައިފައި ކަމަށެވެ. ވަރަށް އަވަހަށް އެ ބުރިޖުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ވަރަށް ހުރިހާ ތަފުސީލެއް ނިންމާލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ބުރިޖުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އައްޑޫ ބުރިޖުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޅުމަށް ނިންމާފައިވާ ކޯޒްވޭތަކާއި ބުރިޖުތައް ހުންނާނެ ކަމަށާއި އެ ހުރިހާ މަޝްރޫއުތަކުގެ ފަންނީ މަސައްކަތް ވަނީ ފަށައިފައި ކަމަށެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވަނީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގެ ސާވޭ ހިލޭ ކޮށްދިނުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އައްޑޫ ބުރިޖުގެ މަސައްކަތައް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
ދަރުބާރުގޭގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބުރިޖުގެ ފީސިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ރައީސް ވިދާޅުވެފައެއް ނުވެއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީސިލިބިލިޓީއާ ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލު ކުރާނަން. އޭރުން އެ ބްރިޖުގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދައި އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި ނިންމަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރު ކުރުމަށް މަގު ފަހިވާނެ،" ރައީސް ވިދާޅުވެފައިވެއެވެ.
ހިތަދޫއާއި ހުޅުމީދޫއާ ދެމެދު ބުރިޖެއް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު