ލޯފަން މީހުން، އެހެން މީހުންގެ އެހީއާ ނުލައި ވޯޓުލުމަށް ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ފެނުމުގެ ނުކެޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ފަރާތްތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ބޭނުންވާ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް 2024 ޖެނުއަރީ 21 ވާ އާދިއްތަ ދުވަހުން ފެށިގެން 2024 ފެބްރުއަރީ ހަތަރެއް ވާ ދުވަހުގެ ނިޔަލަށް 1414 އަށް ގުޅުއްވައި ރަޖިސްޓްރީކުރުމަށް އީސީން އެދޭ" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ 1414 އިގެ ހިދުމަތް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބެން ހުންނާނެ ކަމަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލޯފަން މީހުންނަށް ހާއްސަ ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވަނީ ވޯޓު ލައިފައި ކަމަށް އީސީން މީގެ ކުރިން ބުނެފައިވެއެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ އެކު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ދިން އެއީ ފުރަތަމަ އިންތިހާބެވެ. އަދި ވޯޓުލުމަށް ބޭނުންކޮށްފައި ވަނީ އެކަމަށް ހާއްސަ ޓެމްޕްލޭޓެވެ.

އީސީން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޓެމްޕްލޭޓަކީ އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެއް ކަމަށެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވެން ހުންނާނެ ކަމަށެވެ.

ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އިންތިހާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހުގައެވެ. މި އިސްލާހުގެ އެންމެ ބޮޑު ބޭނުމަކީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.