ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށާއި އޭނާ ރާއްޖެއިން ބޭރަށްދާން، ކުރިމިނަލް ކޯޓުން ކުރި އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެންމެ ބާތިލު ކޮށްފިއެވެ.

ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ.

ނަމަވެސް އޭނާގެ މައިބަދައިގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާ ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އޭނާ އެދުމުގެ ސަބަބުން ބޭހަށް ރާއްޖޭން ބޭރަށް ފުރުމަށް ހުސްވި ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

"އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް މި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އޭނާގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، ކުރީގެ ހާލަތު ބަދަލުވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މި ކޯޓުން ނެރެފައިވާ 'ފުރުން މަނާކުރުމުގެ' އަމުރު ބާތިލް ކުރުމުގެ ބަދަލުގައި، އެއަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނާތީ، އޭނާގެ ޕާސްޕޯޓް 2023 ޑިސެމްބަރު ހަ ވަނަ ދުވަހުގެ 17:00 އިން ފެށިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 23:00 ނިޔަލަށް ދޫކުރުމަށް، ނިންމައިފީމެވެ،" ކުރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެމައްސަލައިގެ މައުލޫއަށް ހައިކޯޓުން ހުކުމް ކުރަންދެން، ޕާސްޕޯޓް ދޫކޮށްފައިވިޔަސް އައްމަޓީ ރާއްޖޭން ފުރުން މަނާ ކުރުމަށް ޑެސެމްބަރު މަހުގެ 19 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ހައި ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް ޕާސްޕޯޓު ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހައިކޯޓުން ހުކުމް ކުރީ، އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެގޮތަށް ރައުޔު ނެރުއްވީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ފާތުމަތު ފަރްހީޒާ އާއި ފަޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ނަމަވެސް ބެންޗުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު ރައުޔު ތަފާތެވެ. ފަނޑިޔާރު ހުސައިން މަޒީދު ރައުޔުގައި ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ އެ ކޯޓުގެ ހުކުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ އެ ހުކުމް ބާތިލްކުރާ ކަމަށްވެސް ހުކުމުގައި ވެއެވެ.