އަންހެނުން ވިޔަފާރީގެ މައިދާނަށް ނުކުތުމަށް 100 މިލިޔަން ރުފިޔާގެ ލޯނު އަންހެނުންނަށް ހާއްސަކޮށް ދޫކުރަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި އަންހެނުން ވިޔަފާރީގެ ގޮތުން ބާރުވެރިކުރުވުމަށް ލޯނު ސްކީމެއް ތައާރަފު ކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފުއްދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހިއްމު ދެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ" އައިޝަތު ވިދާޅުވިއެވެ.

އުފާވެރި އަބުރުވެރި ދިރިއުޅުމަކަށް ފުއްދުންތެރިކަމަކީ އެންމެ ބޭނުންތެރި އަދި މުހިންމު ކަންކަން ކަމަށާއި އާއިލާއެއްގައި ހުންނަ އަންހެނަކީ ފުއްދުންތެރި މީހަކަށް ވުމުން އެކަމުގެ އުފާވެރިކަން މުޅި އާއިލާއަށް ކުރާނެ ކަމަށް ރިސާޗުތަކުން ވެސް ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.