ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި ހޮންކް ކޮންގް އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ކުރަން ފަށައިފިއެވެ.

ހޮންގް ކޮންގް އެއާލައިނުގެ ފުރަތަމަ ފްލައިޓު މިރޭ 7:30 ހާއިރު ރާއްޖެ އައިސްފައިވާ އިރު އޭގައި 209 ޕަސެންޖަރުން އައިސްފައިވެއެވެ. ހޮންގް ކޮންގް އެއާލައިނުން ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ފްލައިޓު އޮންނާނެއެވެ. އެއީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހުއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް އާއި އެމްއެމްޕީއާރްސީން ވަނީ އެ ފުލައިޓުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔައިފައެވެ. ހޮންގު ކޮންގް އެއާލައިން، ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައި މިވަނީ، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑް-19ގެ ކުރިން ހުރި ވަރަށް ވުރެ ދެ ގުނަކުރުމަށް ސަރުކާރުން އަމާޒުހިފާފައި ވަނިކޮށެވެ.

އެމްއޭސީއެލުން ބުނީ ހޮންގް ކޮންގް އެއާލައިނާ އެކު ރާއްޖެއަށް މިހާރު ޗައިނާގެ ހަތަރު އެއާލައިނަކުން ދަތުރުކުރަމުންދާ ކަމަށެވެ.

އެއީ ޗައިނާ އީސްޓާން އެއާލައިންސް އާއި ބެއިޖިން ކެޕިޓަލާއި ސިޗުއާން އެއާލައިން ކަމަށް އެމްއޭސީއެލުން ބުންޏެވެ.