ހަސަދަވެރިންނަށް، ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް ކުރިއެރުން ނުހޯދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ފަތުރުވެރިކަން ނުވަތަ ހޮސްޕިޓާލިޓީ ދުނިޔޭގެ ހައި ސްޓްރީޓެއް އަތުރާލާފައި ހުންނަނަމަ އެންމެ ޓޮޕް ލަގްޒަރީ ޓްރެންޑްކުރާ ޑެސްޓިޝޭނަކަށް ރާއްޖެ ވާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މާކެޓިން އަދި ހޮސްޕިޓާލިޓީ ވެސް ވަރުގަދަވާނެ ކަމަށާއި އަދި ވާދަވެރިންނާއި ހަސަދަވެރިން ވެސް ގިނަވަމުންދާނެ ކަމަށެވެ.

"އެއް ސިޓީއަކުން ނުބެލުނު ނަމަވެސް، ގެސްޓްރޮނޮމީގައި ފުޑް އެންޑް ބެވަރޭޖުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖެ ބީޓު ކުރެވޭނެ ސްމޯލް އައިލެންޑު އެހެން ޑެސްޓިނޭޝަނެއް އޮވެދާނެ ކަމެއް. އެއީ އަޅުގަނޑުމެންނަށް މާތްﷲ ދެއްވި ވަރަށް ބޮޑު ބްލެސިންއެއް، ވަރަށް ބޮޑު ނިއުމަތެއް. ދިވެހިން ހޯދި ނިއުމަތެއް،" ސައީދު ވިދާޅުވިއެވެ.

"މިއަދު ދިވެހިން މިކުރި ބުރަ މަސައްކަތުން އައިސް މި ދެންނެވި ހައި ސްޓްރީޓް ޝޮޕިންގައި ލުއި ވިޓޯން މިސާލަކަށް އިންނަ ފަދައިން، ނޫނިއްޔާ ސްޕޯޓްސްގައި ނައިކީ އިންނަ ފަދައިން، ޓުއަރިޒަމް ލަގްޒަރީ ހޮސްޕިޓާލިޓީ ޓުއަރިޒަމް، ބީޗް ހޮލިޑޭސްގައި ދިވެހިރާއްޖެ، މޯލްޑިވްސް އޭޒް އަ ބްރޭންޑު އިނުމަކީ އާދައިގެ އެޗީވްމެންޓެއް ނޫން"

ސައީދު ވިދާޅުވީ ގެސްޓްރޮނޮމީގެ އެންމެ މަތީ ފަންތީގެ ރެސްޓޯރެންޓުތައް ހުރީ ރާއްޖޭގައި ކަމަށެވެ. އެންމެ ފެންވަރު ރަނގަޅު ކޮޓަރި، ބީޗު އަދި ޑައިވިން ފެސިލިޓީތައް ވެސް ހުރީ ރާއްޖޭގައި ކަމަށެވެ. ސައީދު ވިދާޅުވީ 50 އަހަރަކީ އިންޑަސްޓްރީއެއް އުފެއްދުމަށް ވަރަށް ކުޑަ ދުވަސްކޮޅެއް ނަމަވެސް އިންޑަސްޓްރީ ކޮޅަށް ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ހިތްވަރު ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވާދަވެރިން ތިއްބަސް އަދި ރާޅުތައް ބޮޑުވިޔަސް "ރާޅު ހުރަސްކޮށް ދިއުމުގެ ހިތްވަރު ދިވެހި އޮޑިފަހަރުގައި، ދޯނިފަހަރުގައި ހުންނާނެ. ފަށަނުގައި ހުންނާނެ،" ކަމަށް ސައީދު ވިދާޅުވިއެވެ.

ވަން އައިލެންޑް ވަން ރިސޯޓު، ކޮންސެޕްޓުގައި މެޑިކަލް ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފުކުރެވިދާނެތޯ ސަރުކާރުން ބަލަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އެކަން ކުރުމުގައި ސަރުކާރުގެ ފަރާތުން ވެދެވެން ހުރި އެހީތަކަކީ ކޮބައިތޯ ބެސް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.