ޖަޕާނުގެ "މޫން ސްނައިޕަރ" މިރޭ ހަނދަށް ޖައްސާނެ ކަމަށް އެ ގައުމުގެ ޖައްވީ އިދާރާއިން ބުނެފިއެވެ.

"މޫން ސްނައިޕަރ" ހަނދަށް ތިރިކުރާނެ ކަމަށް ބެލެވޭ ގަޑިއަކީ ޖަޕާނު ގަޑިން ދަންވަރު 12:30ގަ އެވެ. އެއީ ރާއްޖެ ގަޑިން މިރޭ 08:30 އެވެ.

''މޫން ސްނައިޕަރ'' މިޝަންގައި އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ، ހަނދުގެ ދިރާސާކުރާ ރޯވާއެއްގެ އިތުރުން ޖަޕާނުން ވަނީ ޖައްވީ ސެޓަލައިޓެއް ވެސް ޖައްވަށް ފޮނުވާފައެވެ.

ޖަޕާނުގެ އުޅަނދަށް "މޫން ސްނައިޕަރ" ނަމުން ނަން ދީފައި ވަނީ އެ އުޅަނދުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވުމާއެކު އެ އުޅަނދުގެ ސްމާޓްކަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ވަނީ އެ ގައުމުން ހަނދުގައި ބޭނުން ކުރާ ސްމާޓް ލޭންޑާއަކީ މިހާތަނަށް ހަނދަށް ތިރިކުރާ އެންމެ ވަރުގަދަ އުޅަނދު ކަމަށް ބުނެފައެވެ.

ޖަޕާނުން ބޭނުންކުރާ ޓެކްނޮލޮޖީގައި ހަނދުގައި އެ އުޅަނދަށް ކޮމާންޑުދޭ ކޮންމެ ދިމާލަކަށް، އެއްވެސް މައްސަލައެއް މެދުވެރި ނުވެ ޖެއްސޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ޖަޕާނުގެ "މޫން ސްނައިޕަރ" ހަނދަށް ތިރިކުރާ ވަގުތު އެ ގައުމުގެ އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީގެ ޔޫޓިއުބް ޗެނަލުން އެ މަންޒަރު ވަގުތުން ދެއްކުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.