ސެމްސަން އެސް24 ސީރީޒަށް މާދަމާ ރޭ ޕްރީ އޯޑަރަށް ހުޅުވާލުމަށް އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.

އުރީދޫން މިއަދު ބުނީ ކަސްޓަމަރުންނަށް ޕްރީ އޯޑަރު ކުރަން ފެށޭނީ މިމަހުގެ 19 ވަނަ ދުވަހުގެ 00:00 އިން ފެށިގެން އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަމަށެވެ.

ސެމްސަންގެ "ގެލެކްސީ އަންޕެކްޑް"ގައި މިރޭ ސެމްސަން އެސް24 ސީރީޒް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެ އިވެންޓުގެ ލައިވްސްޓްރީމް ބެލުމަށްޓަކައި، މާލޭގައި ސީ ހައުސް ކެފޭގައި "ވޮޗް ޕާޓީ" އެއް ބޭއްވުމަށް އުރީދޫން ވަނީ ނިންމައިފައެވެ. އެ އިވެންޓު ފަށާނީ މިރޭ 9:30ގައި "ފުލް ސާކަލް" ބޭންޑުގެ ލައިވް މިއުޒިކާ އެކުގައި ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މިރޭ 11:00ގައި އަންޕެކްޑް އިވެންޓް ލައިވްސްޓްރީމް ކުރެވިގެންދާނެ ކަމަށާއި އެއީ އާއްމުކޮށް ހުޅުވާލައިގެން އެންމެންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އިވެންޓެއް ކަމަށެވެ. އަދި މިރޭގެ އިވެންޓުގައި ބައިވެރިވާ ބެލުންތެރިންގެ މެދުގައި ނެގޭ ގުރުއަތަކުން ފަސް ފަރާތަކަށް ގެލެކްސީ ބަޑްސް 2 ލިބުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަން ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ސެމްސަން އެސް24 ސީރީޒަށް މިރޭ ނެރުމަށް ހަމަޖެހިފައިވާ އިރު، މިއަހަރުގެ ފުރަތަމަ އަދި އެންމެ މަޝްހޫރު ފޯނުތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގެ ގެލެކްސީ މި އާ ފޯނުގައި ކެމެރާ އާއި ޕްރޮސެސަރު މަތިކޮށް އޭއައި ޕަވަޑް އާ ފީޗާސްތައް ވަނީ ހިމަނައިފައެވެ.

މި ފަހަރުގެ ފޯނުގައި ސެމްސަން ކުންފުނީގެ ފޯކަސް ހުރީ އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީ ހިމެނުމަށާއި އަދި ކެމެރާ ރަނގަޅު ކުރުމަށެވެ. މި އަހަރު ގެލެކްސީ އެސް24 ސީރީޒް ފޯނުތަކުގައި އޭއައި ޓެކްނޮލޮޖީގެ ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ބުނެއެވެ.

މިއަހަރުގެ ސެމްސަންގެ އަންޕެކްޑް އިވެންޓް ކުރިއަށް މި ގެންދަނީ ދުނިޔޭ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކުން މޯބައިލް ޑިވައިސްތަކަށް ޖެނެރޭޓިވް އޭއައި ބޭނުން ކޮށްގެން ތަފާތު އެކިއެކި ކޮންޓެންޓް އުފައްދައި ވާހަކަ ދައްކައި ޖަވާބުތައް ޖާދޫކުރާ އޭއައި އިންފިއުޒް ކުރުމުގެ އާ ގޮތްތައް ހޯދަމުން އަންނަ ދަނޑިވަޅެއްގައެވެ. މިސާލަކަށް ގޫގުލްގެ ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯގައި ފޮޓޯތަކުގައި ހުންނަ ތަކެތި ފޮހެލުމާއި، ގެންދިއުމާއި، ސައިޒު ބަދަލުކުރުމަށް އޭއައި އިން ފިއުލްޑް ފޮޓޯ އެޑިޓިން ފީޗާސް ހިމެނެއެވެ. އެހެންކަމުން މިފަހަރު ނެރޭ ގެލެކްސީ އެސް24 ސީރީޒް އަށް ހިންގުމަށް ބޭނުންކުރާ ސްމާޓްފޯން ތަކަށް ހާއްސަކޮށްފައިވާ ކުއަލްކޮމްގެ އާ ސްނެޕްޑްރެގަން 8 ޖެން 3 ޕްރޮސެސަރު ވެސް ފަރުމާކޮށްފައި ވަނީ ފޯނުތަކަށް އިތުރަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އޭއައި ގެނައުމަށެވެ.

ޓެކްނޮލޮޖީގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސެމްސަންގުން ގެލެކްސީ 24 ފޯނުގައި އޭއައި ޓެކްނޮލޮޖީ ވަރަށް ވަރުގަދަ ކުރުވިފައިވާ އިރު، މިފަހަރުގެ ގެލެކްސީ އެސް24 ސީރީޒް ފޯނުން ކުރާ ކޯލުތައް އެކި ބަސް ބަހުން ވާހަކަ ދެއްކިޔަސް ފޯނުން ވާހަކަ ދައްކާ ދެމީހުންނަށް އެނގޭ ގޮތަށް ބަސް ތަރުޖަމާކޮށްދޭނެއެވެ. ފަހުގެ ސްމާޓްފޯނުތައް އޭއައި ޓެކްނޮލޮޖީއާ ދިމާލަކަށް ދަތުރުކުރާ މި ދަނޑިވަޅުގައި ސެމްސަންއިން މި ނެރޭ ފޯނަކީ އާދަޔާ ހިލާފު ގިނަ ކަންކަން ހިމެނޭނެ ފޯނަކަށް ވާނެއެވެ. އެހެންކަމުން ސެމްސަންގެ ފަހުގެ ފޯނުތަކަށް އިންތިޒާރު ކުރާ ފަރާތްތަކަށް ދެން މާގިނަ ދުވަހަކު މަޑު ކުރާކަށް ނުޖެހޭނެއެވެ.