އެމްއެންޑީއެފަށް ވައިގެ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިންއާއި މެރިޓައިމް ޓެރަރިޒަމް ފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް"ތައް ހުއްޓުވުމަށާއި، ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ އިތުރުން ކަނޑުމަތީ ހާދިސާތަކުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭ ބަޔަކީ އެމްއެންޑީއެފް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމުގައާއި ދިމާވާ އެކިކަހަލަ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަކީ އެމްއެންޑީއެފަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

"އެހެންކަމުން ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ވުޒާރާއިން މިދަނީ ކުރަމުން،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް އެމްއެންޑީއެފް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ދިވެހި ދައުލަތް ދިފާއުކޮށް، ހިމާޔަތްކޮށް އަދި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން ގުދުރަތީ ކާރިސާތަކުގައި އަދި އޭނުންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ރައްކާކުރުމަކީ އެމްއެންޑީއެފުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި، ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތައް ހިމަނާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފުން، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި އަދާކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންގެންދާނެ ކަމުގެ ޔަގީކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ އިރު، އޭގެ ތެރެއިން ބައެއް ސިފައިންނަކީ އިންޑިއާ އިން ހަދިޔާކުރި ވައިގެ އުޅަނދުތަކުގައި މަސައްކަތްކުރާ އިންޑިއާގެ ސިފައިންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، އަނބުރާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވަނީ، އިންޑިއާ ސިފައިން، އަނބުރާ ގެންދިއުމަށް، އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އަދި ވަނީ އެކަމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ވެސް މަޝްވަރާކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިިދޔަ ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ އަންނަ މާޗު މަހުން ފެށިގެން ރާއްޖޭގައި ބަލިމީހުން އުފުލާނީ އިންޑިއާއިން ހަދިޔާކުރި ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައި ނޫން ކަމަށެވެ. އަންނަ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން އިންޑިއާ އިން ވަނީ ރާއްޖެއާ މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުންތަކާ ގުޅޭގޮތުން އިންޑިއާގެ އެކްސާޓަނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވަނީ، ޑޯނިއޯ އަދި ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.