ރާއްޖޭގައި "ވާޓިކަލް ފާމިން" ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14" މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާ ގުޅޭ އެންމެ މުހިއްމު އެއް މަޝްރޫއެވެ.
ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ޕައިލެޓް ކުރުމަށް މިނިސްޓްރީން ނިންމާފައިވާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ސޮއިކުރީ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެކުގައެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ފާތިމަތު ޝާއިއާއެވެ. އަދި ވިސީ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމް އަހުމަދު ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ، ރާއްޖެ ފަދަ ބިންކޮޅު ކުޑަ ގައުމެއްގައި އިންދައި ހައްދައިގެން ބޭނުންކުރެވޭނެ ކާނާގެ ޔަގީންކަން ކަށަވަރުކުރުން ކަމަށެވެ.
އެ މަަސައްކަތުގައި ހުރި ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވަމުން މަރިޔަމް ވިދާޅުވީ، ރާއްޖެ ފަދަ ބިންތިރި ގައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ދެނެގަނެ، ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއީ އެއް މަސައްކަތް ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ހަނިމާދޫ ސެންޓަރުގައި ހުރި ހޮރިޒޯންޓަލް ސެޓަޕްތައް ވާޓިކަލް ސެޓަޕްތަކަށް ބަދަލުކޮށް، އެ މަޝްރޫއުގެ ތެރެއިން ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި މިހާރުވެސް ރާއްޖޭގެ ދަނޑުވެރިން ބޭނުންކުރާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން "ވާޓިކަލް އޭ" ފްރޭމް ސްޓްރަކްޗާގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި، ޕައިން އެޕަލް ޓަވާ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވާ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓުތައް ކުރިއަށްގެންދިއުން ހިމެނެއެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ޓްރޭނިން އެކްޓެންޝަން ސެކްޝަންގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ 34 ދުވަސް ތެރޭ ގަސްތައް އިންދުމުގެ މަރުހަލާވެސް ކުރިއަށްގެންދާނެ ކަމަށާއި އެ ސެންޓަރުގައި އެކަމަށް ހާއްސަ ޓީމެއް އުފައްދައި އެ ޓީމުން ރާއްޖޭގެ ފެނަށް ދިރުވައިގެން އިންދައި ހެއްދޭނެ ގަސްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، އެ ސިސްޓަމްތަކުގައި އެންމެ ފުރަމަ ޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ ފަތް ތަރުކާރީއާއި ތަފާތު ހާބްސްގެ ބާވަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕައިލެޓް މަޝްރޫއުގެ ދަށުން ހަނިމާދޫ ސެންޓަރުގައި މަސައްކަތް ކުރާ އެ މިނިސްޓްރީގެ ޓީމުން އެއްކުރާ މައުލޫމާތުތަކުން ރާއްޖެއަށް އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ، އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތައާރަފުކޮށްދިނުމަށް އެގްރިކަލްޗާ މިނިސްޓްރީން ކުރިއަށްހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނާނެ ކަމަށެވެ. އަދި އެ ސިސްޓަމްތައް ފާހަގަކުރުމަށްފަހު ކުރިއަށް އޮތް ތަނުގައި ދަނޑުވެރިކަން ކުރާ މީހުންނަށް އެ ސިސްޓަމްތައް ފޯރުކޮށްދޭނެ ގޮތަކަށް ރޭވިފައިވާ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު