ރާއްޖެ ކުޑަވުމަކީ އެހެން ގައުމުތަކަށް މި ގައުމަށް ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ، އިންޑިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދައްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ގައުމެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައެއް، ވީ މޭބީ ސްމޯލް ބަޓް ދެޓް ޑަޒަންޓް ގިވް ޔޫ ދަ ލައިސަންސް ޓު ބުލީ އަސް،" ނޫސްވެރިންނަށް ދެއްވި ސްޓޭޓްމަންޓް ނިންމަވައިލައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގައި އޮތް ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ރާއްޖެ ވާނެ ކަމަށާއި ނަމަވެސް އެ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި މި ކަނޑަކީ މި ކަނޑު ނިސްބަތްވާ ވަށާލެވިފައިވާ ހުރިހާ ގައުމުތަކަކަށް ނިސްބަތްވާ ކަނޑެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު ވެސް މާބޮޑު. އަޅުގަނޑުމެންނަކީ ވަރަށް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓެގްރިޓީގެ އަސާސަކީ ޗައިނާއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހުތިރާމު އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަފިއަރަންސް އިން އިންޓާނަލް މެޓާސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި އިށީނުމަށް ވެސް ވަކި ބައެއްގެ ހުއްދަ ހޯދަން ޖެހޭ ތަން ކަމަށާއި އެގޮތް ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެހެންވީމާ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީ ދެގައުމުގެ ދޭތެރޭގައި ގުޅުން ރަނގަޅުކުރުމުގައި އޮންނަން ޖެހޭނެ ހަމައެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޗައިނާއަށް ތައުރީފުކުރައްވައި، އިންޑިއާއަށް ރައީސްގެ ވަރުގަދަ ރައްދެއް ދެއްވާފައިމިވަނީ އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ދަނޑިވަޅެއްގައެވެ.