ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލާއި އެކި ރަށްރަށުގެ މަޝްރޫއުތަކަށް ވެސް ޗައިނާއިން ހިލޭ އެހީ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި 11 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން 17 ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ލެބޯޓްރީއަށް ބޭނުންވާ ހުރިހާ ފެސިލިޓީ ހިލޭ އެހީގެ ދަށުން ދޭން ނިންމާފައިވާ ކަމަށާއި، ހަތަރު ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ވޭސްޓް މެނޭޖްމަންޓްގެ ނިޒާމުތައް ހިލޭ އެހީގެ ދަށުން ގާއިމުކުރަން ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން "ގުޅިފަޅާއި ރަސްމާލޭގައި ޑިޒައިިން ކުރުމާއި ކޮންސްޓަރްޝަން ހިމެނޭ ގޮތަށް، ކަރަންޓުގެ ނިޒާމު، ފެނުގެ ނިޒާމު، ނަރުދަމާގެ ނިޒާމު، ޑީ ވޯޓަރިން ނިޒާމު، ފަޔާ ނިޒާމު، ގޭސް ނެޓްވޯކު އަދި މަގު ހެދުމަށްޓަކައި އެއްބަސްވުމުގައި ސޮއި ކުރެވުނު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ، ޑިޒާސްޓާ ރިޑަކްޝަންގެ ދާއިރާ އާއި މަސް ޕްރޮސެސް ފެކްޓްރީތައް ހިމެނޭގޮތުން މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކޮށް ތަރައްގީކުރުމާއި، ޑިޖިޓަލް އިކޮނޮމީ ތަރައްގީކުރުމުގެ ދާއިރާ އާއި ލޯ ކާބަން ގްރީން އިކޮނޮމީ ޑިވެލޮޕްމެންޓްގެ ދާއިރާގެ އިތުރުން އިންވެސްޓްމެންޓް އިތުރުކުރުމުގެ ގޮތުންނާއި، ޕަބްލިކް ސާވިސް މީޑިއާ ތަރައްގީކުރުމުގެ ދާއިރާ ކަމަށެވެ.
އެކިއެކި ކަންތައްތައް ހިމެނޭގޮތުން، އިކޮނިމިކް ޑިވެލޮޕްމެންޓްގެ ދާއިރާގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ، އެގްރިކަލްޗާގެ ދާއިރާއިން ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ކުރެއްވި މަސައްކަތްތައްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެގްރިކަލްޗާ އިންޑަސްޓްރީ ފުޅާކޮށް، ތަރައްގީ ކުރުމުގެ އިތުރުން، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާވަރަށް ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް އުތުރު ތިޅަފަޅުގައި ގާއިމުކުރުމަށް މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު