ރާއްޖޭން ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެގައުމުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި މިހާރު އޮތް ޕްލޭން ނުވަތަ ޝެޑިއުލަށް ލުއިތަކެއް ގެނައުމުގައި ދެ ގައުމުގެ އެންމެ އިސްލެވެލްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

"ޗައިނާގެ ރައީސަށް އެކަންތައް އަޅުގަނޑު ހުށަހެޅުމުން ވަގުތުން ރަސްމީ ޓޯކްސްގައި ކަމާބެހޭ އިސްވެރިންނަށް އަންގައި އެކަމާ ބެހޭ ގޮތުން ރާއްޖެއަށް ވަރަަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކުގެ ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދެއްކުމުގައި، ފަސް އަހަރު ދުވަހު ވީހާވެސް ބޮޑަށް ގްރޭސް ޕީރިއަޑެއްލައި ދަމާލަން ހަމަޖައްސަން އެދިވަޑައިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ލޯނުތައް ވީހާވެސް ފަސޭހައިން ދެއްކޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި އެގައުމުގެ ފައިނޭންސް ޓީމެއް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިތަކެއް ލޯނު ދެއްކުމުގައި ލިބިގެންދާނެ ކަމަށެވެ.