އޮޑިޓާ ޖެނެރަލް އޮފީސް (އޭޖީއޯ)ގެ ފޭސްބުކް ޕޭޖް ހެކްކޮށްފިއެވެ.

މީގެ ތިން ގަޑިއިރު ކުރިން އޭޖީއޯގެ ފޭސްބުކް ޕޭޖަށް އޮންލައިން ޓްރޭޑު ކުރުމާ ގުޅޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯ އަޕްލޯޑުކުރުމާއެކު ގިނަ އާންމުން ވަނީ އެ ޕޭޖު ހެކްވީ ކަމަށް ކޮމެންޓުކޮށް ސުވާލު އުފައްދައިފައެވެ.

އެއަށް ފަހު އޭޖީއޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އެ އޮފީހުން ބުނީ އެ އޮފީހުގެ ފޭސްބުކް ޕޭޖު ހެކްކޮށްފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޕޭޖުގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ގިނަ އަދަދެއްގެ ފައިސާ ބޮނޑިތަކެއް ފެންނަން ހުރި އިރު، ގިނައިން ފެންނަން ހުރީ އިންޑިއާ އިން ބޭނުންކުރާ ރުޕީސްގެ ނޫޓުތަކެވެ. ބެލެވޭގޮތުގައި އެއީ ފޮރެކްސް ޓްރޭޑިންގައި ބޭނުންކުރަމުންދާ އިސްތިހާރެކެވެ.

މި ފަހަކަށް އައިސް ސަރުކާރުގެ އެކި ވެބްސައިޓުތަކަށް ސައިބާ އެޓޭކުތައް ދަނީ ދެމުންނެވެ. އަދި އިންޑިއާގެ ހެކަރުންތަކެއް ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް، އިންޒާރު ދީފައިވެއެވެ. އެ ވެބްސައިޓް ހެކް ކޮށްފައިވަނީ އިންޑިއާ ހެކަރުންތަކެއް ކަމަށް ބުނާ ބައެކެވެ. ވެބްސައިޓް ހެކްކޮށްފައިވަނީ "ޓީމް ނެޓްވޯކް9" ކިޔާ ހެކަރުންތަކެކެވެ. އަދި ވަނީ އެއީ ބާރަތު (އިންޑިއާ) ހެކާސް ކަމަށްވެސް ލިޔެފައެވެ.

އެ ހެކަރުން ހެކު ކުރުމަށްފަހު ވެބްސައިޓުގައި އިންޑިއާ ދިދައާއެކު ވަނީ އިންޒާރުގެ މެސެޖެއްވެސް ލިޔެފައެވެ. އެ މެސެޖުގައި ވަނީ އެ ސައިޓް ހެކް ކޮށްފައިވަނީ މިފަހުން ސަރުކާރުގެ އިސް ފަރާތްތަކަކުން އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކޮށްފައިވާތީ ކަމަށެވެ. އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށްވެސް ލިޔެފައިވެއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައިވަނީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވަނިކޮށެވެ. އެ މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން މިހާރު ހުންނެވީ ސަސްޕެންޝަނުގައެވެ.