ފޭކް ޑޮލަރު ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އަދި ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުން ގެންދާކަމުގައެވެ.
އެކަމާ ގުޅުންހުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅި، ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އެމީހާގެ ބަންދަށް 15 ދުވަހަސް ޖަހާފައިކަމަށްވެސް ބުނެފައިވެއެވެ.
ޑޮލަރުން އެކި ކަހަލަ ވިޔަފާރީގެ މުއާމަލާތްކުރާއިރު، ޑޮލަރުގެ ސައްހަކަން ޔަގީންކޮށްފައި މެނުވީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ދާދި ފަހުން ޑޮލަރުގެ ފޭކް ނޫޓްތައް ދައުރުވާތީ އެކަމަށް ސަމާލުވާން އިލްތިމާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު