ޗައިނާގެ ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ގުޅުމެއް ޓައިވާނާއެކު ނުބޭއްވުމަށް ކަމަށް ރާއްޖޭން ޗައިނާއާއެކު އެއްބަސްވެއްޖެއެވެ.

ދެގައުމުގެ ސަރުކާރުން އެގޮތަށް އެއްބަސްވެފައިވާކަން ހާމަކޮށްފައި ވަނީ ޗައިނާ އާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަ ކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ނުވަތަ އަމަލަކާ ރާއްޖެ ދެކޮޅު ކަމަށާއި "ޓައިވާންގެ މިނިވަންކަން" މި ނަމުގައި ހިންގާ ވަކިވެގަތުމުގެ ހުރިހާ ހަރަކާތަކާ ދެކޮޅު ކަމަށެވެ.

އޭގެ އިތުރުން، އެއްވެސް ނަމެއްގައި ޗައިނާގެ އެތެރޭގެ ކަންތައްތަކަށް ބޭރުގެ ނުފޫޒު ފޯރުވުމާ ރާއްޖޭން ދެކޮޅު ކަމަށާއި ގައުމީ އެއްބައިވަންތަކަން ހާސިލުކުރުމަށް ޗައިނާއިން ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖޭން ތާއީދު ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް އެއްބަސްވެވަޑައިގެންނެވި އިރު، ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ ޗައިނާ އާއި ޓައިވާނުގެ މައްސަލައިގައި ރާއްޖޭ އޮތީ ޗައިނާއާއެކު ކަމަށް ހާމަކޮށްފައެވެ.

ޓައިވާނަކީ ޗައިނާގެ ބައެކެވެ. އެގޮތުން ޓައިވާން ކަމަށް ބުނާ ސަރަހައްދަށް ކިޔަނީ "ރިޕަބްލިކް އޮފް ޗައިނާ" އެވެ. ޗައިނާއަށް ދިގުކޮށް ކިޔާ ނަމަކީ "ޕީޕަލް ރިޕަބްލިކް އޮފް ޗައިނާ" އެވެ. ޓައިވާނުން ގެންދަނީ އެ ގައުމަކީ މެއިންލޭންޑް ޗައިނާއިން ވަކިވެފައިވާ މިނިވަން ގައުމެއް ކަމަށް ބުނަމުންނެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ ޓައިވާނަކީ އަދިވެސް އެގައުމުގެ މެއިންލޭންޑުގެ ބައެއް ކަމަށެވެ.

ޓައިވާން، ޗައިނާގެ މެއިންލޭންޑުން ވަކިވުމަށް ކުރާ މަސައްކަތް ބަލައިގަނެ އެއީ މިނިވަން ގައުމެއްކަމަށް ބަލައި ގަނެފައިވަނީ 15 ގައުމަކުންނެވެ. ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ވެސް ޓައިވާންއަކީ މިނިވަން ގައުމެއް ކަމަށް އަދި ބަލައިގެންފައެއް ނުވެއެވެ.