މި ސަރުކާރުން އެންމެ މުހިންމު އެއް މަސައްކަތެއްގެ ދަށުން ކުރިއަށްގެންދާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއަށް ޗައިނާ އިން އެހީދިނުމަށް އެއްބަސްވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އޭގެ ތެރެއިން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުގައި ހިމެނޭ އެއް ކަމަކީ ފުށިދިއްގަރު ފަޅުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ވަނީ ނިންމަވައިފައެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، މަސް ބަންދުކުރާ ފެކްޓަރީތައް ތަރައްގީކުރުމަށް ވެސް އެއްބަސްވެފައިވެއެވެ. އޭގެ އިތުރުން ދިވެހި ސަރުކާރުން މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް ވެސް އެހީތެރިވުމަށް ވަނީ އެއްބަސްވެފައެވެ.

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ޗައިނާ އިން ފައިސާގެ އެހީ ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެ ފައިސާގެ އަދަދުތަކާއި އިތުރު ތަފްސީލުތަކެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އާއި ޗައިނާއިން ސޮއިކުރި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ވެސް އިތުރު ދާއިރާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޗައިނާ އިން ވަނީ އެއްބަސްވެފައެވެ.