ހުޅުމާލޭގައި ހަ ކޮމާޝަލް އިމާރާތް ހެދުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގުރޫޕަކާއެކު އާބަންކޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
އާބަންކޯ އިން ބުނީ އެ އިމާރާތްތައް ހަދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ އާބަން އައިލްގައި ކަމަށާއި އެ އިމާރާތްތަކާއެކު އިތުރު ސަޕޯޓިން ހިދުމަތްތައް ދޭ އިމާރާތެއްވެސް އެ މަޝްރޫއުގެ ދަށުން ހަދާނެ ކަމަށެވެ. އަދި އެ ތަން ހަދަން 50 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އެ އިމާރާތްތަކުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓަޓެއިންމެންޓްގެ ހިދުމަތްތަކާއި ބޭންކިން ފަދަ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ އިމާރަތްތަކަށް ސްޕައިންގެ ނަމުން ނަން ދީފައިވަނީ އެ އިމާރާތްތައް ގުޅުވާލާތީ ކަމަށާއި 290،000 އަކަފޫޓުގެ ސަރަހައްދެއްގައި އެ އިމާރާތްތައް ހަދާނީ ތިނެއް އަދި ހަތަރު ފްލޯއަށް ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެ ކޮމާޝަލް ސްޕައިން ހެދުމުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ސަރަހައްދުތަކުގައި ގެސްޓްހައުސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށެވެ. އަދި އެ ތަން ހަދައި ނިމުމުން ވިޔޔަފާރިތަކަށް އިމާރާތް ކުއްޔަށް ދޫކުރާނެ ކަމަށް ބުންޏެވެ.
އެ ސްޕައިން ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ޒޯނަށް ކަމަށާއި އެ ސަރަހައްދުގެ ޓޫރިޒަމް ބުކިންތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައްވެސް އެ ތަނުން ލިބޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު