އިންޑިއާގެ ބައެއް މީހުން ރާއްޖޭގެ މަގުބޫލު ރިސޯޓުތަކުގެ ރޭޓިން ދަށްކުރަން އެއް ތަރީގެ ރޭޓިން ދޭން ފަށައިފިއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނާ ގުޅިގެން ސޯޝަލް މީޑިއާގައި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅުގައި އިންޑިއާގެ ބައެއް މީހުން ދަނީ "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އެ ކެމްޕޭނުގެ ދަށުން، އިންޑިއާގެ މީހުން ރާއްޖެ އައުމުގެ ބަދަލުގައި ލަކްޝަދީބު ފަދަ އިންޑިއާގެ ރަށްތަކަށް ދިއުމަށް ބާރު އަޅާ އިރު، ރާއްޖެއަށް އައުމަށް ކޮށްފައިވާ ބުކިންތައް ކެންސަލް ކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ.

މިއާއެކު އިންޑިއާ މީހުން ވަނީ ރާއްޖޭގެ މަގުބޫލު ރިސޯޓުތަކަށް އެއް ތަރީގެ ރިވިއު ދީ، ރިސޯޓުތަކުގެ ރޭޓިން ދަށްކުރުމަށް މަސައްކަތް ފަށައިފައެވެ.

ރާއްޖެއަކީ ބޮލީވުޑުގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރުމަށް އައިސް އުޅޭ ތަނެއް ނަމަވެސް، މައްސަލަ ހޫނުވެ، ބޮލީވުޑްގެ މަގުބޫލު ބައެއް ތަރިންވެސް ވަނީ ރާއްޖެ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި ކެމްޕޭނަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން ސަލްމާން ހާނާއި ޖޯން އަބްރަހަމް އަދި ޝްރައްދާ ކަޕޫރުވެސް އެ ކެމްޕޭނުގައި ބައިވެރިވެފައިވާ އިރު، އެކަމާ ގުޅިގެން އަކްޝޭ ކުމާރު އެކްސްގައި ކުރި ޕޯސްޓެސްގައި ބުނީ އިންޑިއާ އާއި ރާއްޖެއަކީ ގާތް އަވަށްޓެރިން ކަމަށާއި އިންޑިއާއަކީ އަވަށްޓެރިންނަށް ރަނގަޅު ބައެއް ނަމަވެސް ނަފުރަތު އުފެއްދުން ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންވެ އޭނާ ވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ބަދަލުގައި ލަކްޝަދީބަށް ދިއުމަށް ބާރު އަޅައިފައެވެ.

އިންޑިއާއިން ރާއްޖެ އައުމަށް ބުކިން ހަދާފައިވާ ފަތުރުވެރިންގެ ބުކިން ކެންސަލް ކުރުމަށްވެސް ގޮވައިލަމުންދާ އިރު، އެ ގައުމުގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ "އީޒް މައި ޓްރިޕް" އިން ވަނީ ރާއްޖެއަށް ކޮށްފައިވާ ހުރިހާ ބުކިންއެއް ކެންސަލް ކޮށްފައެވެ.