މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރުގެ ދައުވާއާ ބެހޭ ހަބަރުގައި ހިމަނާފައިވަނީ އިތުބާރު ހުރި މަސްދަރަކުން ލިބުނު ލިޔުންތަކުގައި ހިމެނޭ މައުލޫމާތު ކަމަށް "ދައުރު" ނޫސް ހިންގާ، ނެކްސްޓް މީޑިއާ ގްރޫޕުން ބުނެފިއެވެ.
ފުލެޓު ގަންނަން ކުންފުންޏަކުން އާޒިމާއަށް ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް ކުރަން ނިންމާފައިވާ ކަމަށްބުނެ ދައުރު ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެން، އެއީ ދޮގު ހަބަރެއް ކަމަށްބުނެ ދައުރު ނޫހުގެ މައްސަލަ ފުލުހުންނަށާއި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން އާޒިމާ ވަނީ ނިންމަވައިފައެވެ.
ފުލުހުންނަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ، ދައުރު ނޫހުގައި ދޮގު ހަބަރު ފަތުރައި، ލިޔުންތައް އުފައްދައި ފެބްރިކޭޓްކޮށް އަބުރަށް އަރައިގަނެ، އަދި އާޒިމާއާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށްބުނެއެވެ. އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ، އާޒިމާގެ އިންތިހާބީ ހައްގަކަށް ދައުރު ނޫހުން އަރައިގަނެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދިއެވެ. އަދި ދައުރު ނޫހުގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށްވެސް އާޒިމާ ވަނީ ނިންމަވައިފައެވެ.
މިކަމާ ބެހޭގޮތުން ދައުރު ނޫސް ހިންގާ ނެކްސްޓް މީޑިއާ ގްރޫޕުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހަބަރު ލިޔުމުގައި، އަސާސެއްކަމަށް ބަލާފައިވަނީ، އެ މައްސަލައިގައި ހިމެނޭ "ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ ލޯފާމް "ޗެމްބާސް އިން"ގެ ފަރާތުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ކަމަށެވެ.
ކުރީގެ އޭޖީ ޑރ. ހަސަން ސައީދު އިސްކޮށް ހުންނަވާ އެ ލޯފާމްގެ ފަރާތުން، އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަމުގެ ކަށަވަރުކަން އެ ހަބަރު ލިޔުނު އިރު، ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"އެގޮތުން ކޯޓަށް މައްސަލަ ހުށަހެޅިކަމުގެ ފޯމާއި ކޯޓުގެ އަޑުއެހުމަކަށް ކިޔާފައިވާ ޗިޓް ނުވަތަ އަމުރުގެ ކޮޕީއެއް ވެސް މި ނޫހަށް ލިބިފައިވޭ، މީގެ އިތުރަށްވެސް އާޒިމާ އެ ފައިސާ ނުދައްކަވައިގެން ޕްލެޓިނަމް ރިއަލް އެސްޓޭޓް އިން އާޒިމާއަށް ފޮނުވާފައިވާ ސިޓީ އާއި އާޒިމާ އެ ފައިސާ ދެއްކުމަށް އެއްބަސްވެ އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއްވެސް މި ނޫހަށް ލިބިފައިވޭ،" ނެކްސްޓް މީޑިއާގެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން އާޒިމާގެ ހަބަރު ލިޔެފައިވަނީ އިތުބާރު ހިފޭ މަސްދަރުތަކުން ދިން މައުލޫމާތާއި އެ ވަގުތަށް ލިބިފައި ހުރި ޑޮކިއުމެންޓް ހެކިތަކުގެ މައްޗަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"މި ނޫހުން ގަބޫލުކުރަނީ ރައްޔިތުން އިންތިހާބު ކުރާ މަގާމަކަށް ކުރިމަތިލައިގެން ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންނަށް ހިދުމަތްކުރަން ސިޔާސީ މަގާމުތަކާއި އެކި އިދާރާތަކުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މިފަދަ މައުލޫމާތުތަކަކީ ރައްޔިތުންނަށް އެ މައުލޫމާތު އެނގުމުގެ މަސްލަހަތު ބޮޑު ކަންކަން،" ބަޔާނުގައި ބުންޏެވެ.
ނެކްސްޓް މީޑިއާގެ ނޫސް ބަޔާނުގައި ވަނީ އެ ހަބަރުގައި އާޒިމާގެ ފަރާތުން ބަހެއް ހިމެނުމަށް ފުރުސަތު ދިން ނަމަވެސް އެ ފުރުސަތު އާޒިމާ ދޫކޮށްލައްވާފައިވާ ކަމަށްވެސް ބުނެފައެވެ.
އެ ފައިސާ ނުދައްކައިގެން ޕްލެޓިނަމްގެ ފަރާތުން ފައިސާ ދެއްކުމަށް އެދި، އެކި ފަހަރު އާޒިމާއާ ވާހަކަ ދައްކާފައިވާ ކަމަށާއި، އެއީ އާޒިމާ ދައްކަންޖެހޭ ފައިސާއެއްކަމާއި އެ ފައިސާ އާޒިމާގެ އަތުން ހޯދަން އެ ލޯފާމު މެދުވެރިކޮށް މަސައްކަތްކުރާކަން މިއަދު ވެސް ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު