އިކޯ ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ހދ. ކޭލަކުނު ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން އެގޮތަށް ނިންމީ މިދިޔަ ހަފުތާގައި ބޭއްވި ވިޒިޓާ އިކޮނޮމީ ކައުންސިލުން މަޝްވަރާގެ މަތިން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާ ގޮތަށް އެ ރަށް ތަރައްގީ ކުރުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ދިރާސާއެއް ހެދުމާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ރަށުގެ ތާރީހާއި ރަށުގެ ތާރީހީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމައަށް ދެވޭނެ ގޮތަށް ވިޒިޓާސް ސެންޓަރެއް ހެދުމަށް ނިންމެވި ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ރަށުގެ ފަރުތަކާއި މުރަކަތަކަށް ގެއްލުން ނުވާ ގޮތަށް ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށްވެސް ކެބިނެޓުން ނިންމެވި ކަމަށް ވިދާޅުވިއެވެ.
ބިމުގެ ބޮޑުމިނުގައި 80 ހެކްޓަރު ހުންނަ ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ. އެ ރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސްވެސް ހިމެނެއެވެ. އެ ރަށަކީ މީގެ ކުރީން މީހުން ދިރިއުޅުނު ރަށެކެވެ. އެގޮތުން އެ ރަށުގައި މީހުން ދިރިއުޅެފައިވާ ކަމުގެ ނިޝާންތައް މިއަދުވެސް ފެންނަން އެބަހުއްޓެވެ.
އެ ރަށް ފަޅުވި ކަމަށް ބުނަނީ މީލާދީ ގޮތުން 1821 ވަނަ އަހަރު ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ކުރި ވިއްސާރައެއްގައެވެ. އެއީ އެ ހާދިސާ ހިނގިކަމަށް ދިވެހި ފަތްފުށްތަކުން ފެންނަން އޮތް ތާރީހެވެ.
އެ ރަށަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަތުރުވެރިކަމުގެ މަސައްކަތް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިތުރުކުރި ރަށެކެވެ. ނަމަވެސް އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެ ރަށާއި އެ ރަށުގެ ފަޅާއި ފަރުތައް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު