ދިވެހި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ބޭރު ގައުމެއްގެ ވެރިޔަކަށް ނިސްބަތްކޮށް ބަދުބަސް ބުނުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުށްވެރިކޮށްފިއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ އޮފިޝަލުން ބޭރު ގައުމެއްގެ އިސް ވެރިންނަށް ބަދުބަސް ބުނުން ބަލައެއް ނުގަނެވޭނެ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
އެމްއެންޕީގެ ޕޯސްޓުގައި ވަކި ގައުމެއްގެ ވެރިއެއްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ، ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ވަނީ ހޫނުވެފައެވެ. އެކަމާ ގުޅިގެން، އެއީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ހުންނަން އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށްބުނެ، ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ދަނީ ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންނެވެ. އެ ކެމްޕޭންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން އެ ތަނުގެ ރީތިކަމަށް ތައުރީފު ކުރައްވައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި ފޮޓޯތައް ވެސް ދަނީ ބޭނުންކުރަމުންނެވެ. އެ ފޮޓޯތަކުގެ ތެރޭގައި އެތަނުގައި ސްނޯކަލް ކުރައްވައި ގޮނޑުދޮށުގައި ހިންގަވާ ފޮޓޯތަކެއްވެސް ހިމެނެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ހިންގާ އެ ކެމްޕޭނާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ ރައްޔިތުންވެސް އެކްސްގައި އެއްބަޔަކު އަނެއްބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.
ބައެއް އާންމުން ބުނާ ގޮތުގައި، ރާއްޖޭން އިންޑިއާއާ ދެކޮޅު ކެމްޕެއިނެއް ފަށާފައިވާ ވަގުތެއްގައި ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެކެވެ. އަދި ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު އިންޑިއާއަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ. އަދި މިދިޔަ އަހަރު އެކަނިވެސް އެ ގައުމުން 190،000 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނެއް ފަށާފައިވާ އިރު، 25 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ތަރައްގީކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު