ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށް، މާލޭ ޖަލު ހުސްކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލުތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށަންވާއިރަށް މާލެ ޖަލު މިހާރު ހުސްކޮށްފައިވާ ކަމަށާއި އެ ޖަލުގައި ތިބި ގައިދީން މިހާރު އެހެން ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މާލޭ ޖަލު ހުސްކުރި ނަމަވެސް އެ ޖަލުގެ ކައުންޓަރުން ދެމުންގެންދާ ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ އިމަރާތުގެ ކައުންޓަރުން ލިބޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ފުރަތަމަ ހިއްސާކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފެވެ. މާލެ ޖަލު ހުސްކުރަން ނިންމީ، މާލޭ ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލު ހުރުމުން ސްކޫލުގެ ބައެއް ކުދިންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށް އާސިފް ވިދާޅުވެފައިވެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް ވިދާޅުވެފައިވަނީ މާލޭ ޖަލު ހުސްކުރުމަށް ގައިދީން ބަދަލުކުރަން މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކަށް ބަދަލު ގެނެސް ޖާގަ ހަދާފައިވާ ކަމަށާއި އައްސޭރި ޖަލުގައިވެސް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން ބޭތިއްބުމަށާއި ކޯޓަށް ގެންނަ ގައިދީން ބޭތިއްބުމަށް ކަރެކްޝަންސްގެ އެނެކްސް އެކެއްގެ އިމާރާތަށް ބަދަލުތައް ގެނެސް އިންތިޒާމު ހަމަޖައްސަން މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު