މާތް ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު މާތް ﷲ ހަތް ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
'މަހްޝަރުދުވަހުގެ ހޫނުން ރައްކާތެރިވާށެވެ!' މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ގިޔާމަތްދުވަހަކީ ބޮޑުވެގެންވާ އަދި ބިރުވެރި ދުވަހެއް ކަމަށާއި އެ ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުން މީސްތަކުން ފިތްކަނޑައިގެން ދާނެ ކަމަށެވެ.
އަދި ގިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުން ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށާއި ނަމަވެސް އިރުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭނެ މަގުތަކެއް ލޮބުވެތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
އެގޮތުން މާތް ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު މާތް ﷲ ހަތް ހިޔާވަހިކަން ދެއްވާ ހަތް ބާވަތެއްގެ ބަޔަކީ އަދުލުވެރި އިމާމާއާއި އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހާ އާއި ﷲގެ ވަޖްހުފުޅަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވެ އެކުގައި އުޅެ އެގޮތުގައި ވަކިވެދިޔަ ދެ މީހުންނާއި ހަސަބާއި ނަސަބުން މަތިވެރި، ރީތި އަންހެނަކު، ފާހިޝްކަމަކަށް ދައުވަތު ދިނުމުން އަހުރެން ﷲ ދެކެ ބިރުގަނެއޭ ބުނެ، އެކަމާ ދުރުހެލިވި މީހާއާއި ކަނާތުން ސަދަގާތްކުރި އެއްޗެއް، އޭނާގެ ވާތަށްވެސް ނޭނގޭހައި މިންވަރަށް ވަންހަނާކުރި މީހާއާއި އެކަނިމާއެކަނި ތަނެއްގައި އިނދެ، ﷲ ހަނދުމަކޮށް، އޭނާގެ ދެލޮލުން ކަރުނަ އޮހޮރި މީހާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މަހްޝަރުދުވަހުގެ ގަދަ ހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަ ކަމަކީ އަތްމަތި ދަތިވެގެން ދަރަނި އަދާ ނުކުރެވުނު މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނިން ބައެއް އުނިކޮށްދިނުން ކަމަށެވެ.
އެ މީހުންގެ ތެރޭގައި މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުންނާއި ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުން ނުހިމެނޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު