ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިހާރު ހުންނަ ސީ ޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލުކޮށް، މާލެ އާއި ފުނަދޫ އަދި ފުނަދޫ އާއި ހުޅުލޭ ދޭތެރޭގައި ބުރިޖެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވީއައިއޭގެ ފޭސް ދޭއް ތަރައްގީ ކުރުމުގެ ކަންކަން މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިއަށްދާނީ ސީ ޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ. އަދި ޑޮމެސްޓިކް ޓާމިނަލުން 2،000 ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ޓާމިނަލާއި ޖެޓް ސާވިސް ޓާމިނަލް އަދި ކޯގާ ޓާމިނަލް ހެދުމަށް ބޭނުންވާ ޖާގަ ހުޅުލެއިން ހިއްކަން ޖެހޭނެ ކަމަށެވެ. ސީ ޕްލޭން ޓާމިނަލް ބަދަލުކުރުމާއި ބިން ހިއްކުމާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ ފުނަދޫ އޮއިލް ސްޓޯރޭޓް އެހެން ތަނަކަށް ބަދަލުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފުނަދޫ މިހާރު ބޭނުން ކުރަމުންދަނީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ތެޔޮ ރައްކާކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހާއި 24 މަސް ދުވަހުގެ ތެރޭގައި ފުނަދޫގެ އޮއިލް ސްޓޯރޭޓް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ.
"އަދި އެ ފުނަދޫ އާއި މާލެއާ، ފުނަދޫ އާއި ހުޅެލެއާ، ގުޅުވާލެވިފައިވާ ބުރިޖެއް ގާއިމުކުރެވި އަދި ހުޅުލެއިން، ހުޅުމާލެ، ސީޕްލޭން ޓާމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓާމިނަލަށް ވަށާޖެހޭ ގޮތަށް ބުރިޖު އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ހާއްސަކޮށް މޮނޮރެއިލް ސިސްޓަމެއް ދެންމެގަ ފެނިގެން ދިޔަ ކަހަލަ ގާއިމުކުރެވި ފަސޭހަކަމާއެކީގައި ޕަސަންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭފަދަ ނިޒާމެއް ގާއިމްކުރުން" ރައީސް ވިދާޅުވިއެވެ.
ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް އިކޮނޮމިކް ޒޯނުން އަންނަ ފަސިންޖަރުންނަށް ޓްރާންސިޓް ހޮޓެލްތަކާއި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި އެންޓަޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކާ އެކުގައި ތަރައްގީކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވީއައިއޭގެ ގިނަ މަޝްރޫއުތައް ހުރީ އެ މަޝްރޫއާއެކު އިތުރު އެހެން ބައެއް މަޝްރޫއުތައް ފެށިގެންދާ ގޮތަށް ކަމަށެވެ. އެފަދަ މަޝްރޫއުތައް އިންވެސްޓަރުން ހޯދުމަށް އެކި ކަހަލަ ލުއި ފައިނޭންސިންގެ ފުރުސަތުތައް ފަހިކުރުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއެއް އުފައްދުމަށް އާދިއްތަ ދުވަހު ކެބިނެޓުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު