ވިލިމާލޭގެ މަގުތައް ހެދުމުގެ ކުރިން ހަދަންޖެހޭ ސާވޭ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 1.79 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 120 ދުވަހެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފްރާސްޓަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ވިލިމާލޭގެ ބިންގަނޑު އޮންނަ ގޮތުގެ ސާވާއެއް މީގެ ކުރިން ހަދާފައި ނެތް ކަމަށެވެ. އެހެންވެ އާރުޑީސީއާ ހަވާލުކުރި ސާވޭގެ ބޭނުމަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، އެ މަސައްކަތަށް ހޭދަވާނެ ހަރަދު ދެނެގަތުން ކަމަށް ވިދާޅުވިއެވެ.
ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާވޭތައް ކުރުމުގެ މަސައްކަތް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި މުއްތަލިބް ވިދާޅުވީ މަގު ހަދާއިރު ބަލަންޖެހޭ އެންމެ މުހިންމު ކަމަކީ ފެނާއި ނަރުދަމާއާއި ކަރަންޓު ރަނގަޅަށް އެކަށައެޅިގެން މަގުތައް ހެދުން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމުން ފަހުން ދިމާވާ ދަތިތައް ހައްލުކުރަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ވިލިމާލޭގެ މަގުތައް ހަދާއިރު ބައެއް މަގުތަކުގައި ތާރު އަޅާނެ ކަމަށެވެ. ނަމަވެސް ސާވޭގެ ތެރެއިން މަގުތައް ހަދާނެ ގޮތްތައްވެސް ދެނެގަންނާނެ ކަމަށާއި މަގުތައް ހަދާނީ ހިތްގައިމު އަދި ފެންބޮޑުވުން ފަދަ ކަންތައްތައް ދިމާނުވާނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު