އިސްލާމް ދީނުގެ ސައްހަ އަގީދާ މުޅި ރާއްޖޭގައި ފެތުރުމުގެ މަގުސަދުތައި "ރިސާލަތު"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފުތިތާހު ކޮށްފިއެވެ.

އިސްލާމީ މަރުކަރުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މުޖުތަމައު އޮތީ ހެދިބޮޑުވަމުން އަންނަ ޖީލުތަކާއި މުޅި މުޖުތަމައު އިސްލާމީ އަގީދާއަށް ހޭލުންތެރިކަން އިތުރުކޮށް، އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފެތުރުމުގެ ދޮރުތައް ހުޅުވާލައި މަސައްކަތް ކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންނާއި މުޖުތަމައުގެ އެހެނިހެން އަފުރާދުން ހަރުކަށި ފިރުކުރުގެ ތެރެއަށް ވެއްޓިގެންދަނީ އިސްލާމީ އަގީދާއާއި ދީނުގައި ހުރި އުސޫލީ ކަންތައްތަކަށް ހޭލުންތެރި ނުވުމުން ކަމަށާއި އެހެންކަމުން ގުރުއާނާއި ސުންނަތުން އެނގެން ހުރި އުސޫލުތައް މުޖުތަމައަށް އެނގެންޖެހޭ ކަމަށެވެ.

  • އިސްލާމްކަމުގެ ރުކުންތައް
  • އީމާންކަމުގެ ރުކުންތައް
  • އިސްލާމްކަމާއި އީމާންކަމާއި އިހުސާންކަން
  • އަލްވަލާއު ވަލް ބަރާއު
  • ސަހާބީންގެ ހައްގުތަކާއި އެބޭކަލުންނަށް ވާޖިބުވެގެންވާ ކަންތައްތައް
  • ކީރި ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުން ވާޖިބުވުމާއި އެކަމުގެ ދަލީލު
  • އަލްހުލަފާއުއް ރާޝިދޫން
  • އުންމަހާތުލް މުއުމިނީން
  • ދުނިޔެ މަތީގައި ސުވަރުގެވަންތަކަމުގެ އުފާވެރި ހަބަރު ދެއްވުނު ދިހަ ބޭކަލުން

މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ އުމުރުފުރާއަކަށް އުނގެނެން އެންމެ އެކަށީގެންވާ ގޮތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ޕްރޮގްރާމުގެ ފަސް ސްޓޭޖެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.