ގަރާޖު ސިޓިގެ ބަދަލުގައި ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރުމަށް 10,000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ގެނަސްފައިވާ އިސްލާހަށް އަމަލު ކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމައު އަމީން ވިދާޅުވެއްޖެއެވެ.
ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރުމަށް 10,000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް އަމަލު ކުރަން ފެށީ މިދިޔަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
އެ އިސްލާހުގައިވާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކާއި އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކުރާ އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާ އިރު، ގަރާޖު ސިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނީ، ފީގެ ގޮތުގައި 10،000 ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ދެއްކުމުންނެވެ.
މި ދެ ގިންތިއަށް ފެތޭ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީއެއް ބޭނުން ނުވި ނަމަވެސް، އާ ގަވާއިދުގެ ދަށުން އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުންނެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ފުރަތަމަ ނިއުސްކޮންފަރެންސްގައި މިނިސްޓަރު އަމީން މިއަދު ވިދާޅުވީ، އެގޮތަށް ގަރާޖު ސިޓީ ހުށަނާޅައި 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ބަދަލު ގެނަސްފައި ވަނީ އޭރު އޮތް ޓްރާންސްޕޯޓް މިނިސްޓްރީއާވެސް މަޝްވަރާ ނުކޮށް ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެއީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށާއި އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭރުގެ އެޓާނީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާ ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން މިހާރު އޮތް އުސޫލުގެ ތެރޭގައިވެސް ނުހިފޭއްޓި މާލޭ ސަރަހައްދަށް ވެހިކަލްތައް ގިނަވެ ތޮއް ޖެހިގެންދާނެ ކަމަށެވެ. އެހެންކަމުން މިހާރަށްވުރެ މައްސަލަ ގޯސް ހާލަތަކަށް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ގަވާއިދަށް އަމަލު ކުރުން ހުއްޓާލައި، އެކަންތައް ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ އެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު