ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސެއިން ނިންމަވައިފިއެވެ.

މަޖިލީހަށް ކުރިމަތި ނުލައްވާނެކަން އިއުލާނު ކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިސާން ވިދާޅުވީ، ތުޅާދޫ ދާއިރާ ތަމްސީލުކުރެއްވުމަށް އެ ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށް ދާއިރާގެ އެންމެހައި ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރެއްވި މަސައްކަތްތަކުގައި އެހީތެރިވި އަމިއްލަ އާއިލާ އާއި ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެއްވި ނަމަވެސް، ކުރިއްޔަށް އޮތް ތަނުގައިވެސް އެމްޑީޕީއާ އެކު ހުންނަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން،"

ހިސާން، ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ. ޖޭއެސްސީގެ ރައީސް ކަމުގެ މަގާމަށް ހިސާން އައްޔަން ކުރެއްވީ އޭރު އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.