މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ، އެ ލޯނު ރީސްޓްރަކްޗާ ކުރުމަށް އެ ބޭންކަށް ހުށަހަޅާފައިވަނިކޮށް ކަމަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ އެ ލޯނު ނަގާފައިވަނީ 2016 ވަނަ އަހަރު އޭނާ ދިރިއުޅުމަށް ފުލެޓެއް ގަތުމަށް ކަމަށެވެ. އޭނާއަށް އާމްދަނީ ލިބެމުންދިޔަ އިރު ގަވާއިދުން ލޯނަށް ފައިސާ ދައްކަވަމުން ގެންދަވާފައިވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ސަބަބުން، ގާނޫނީ ވަކީލުކަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި ފުލެޓު ގަތުމަށް ނެގި ލޯނަށް ފައިސާ ދެއްކުމަށް މަސައްކަތް ކުރެއްވީ ވަކީލުކަން ކުރައްވައިގެން ކަމަށެވެ. އަދި އޭނާއަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މަޔެއް ކަމަށާއި ކޮވިޑުގެ ސަބަބުން ވަޒީފާއެއް ނެތުމުގެ ސަބަބުން، އާމްދަނީ ހޯދުމަށް ކުރި މަސައްކަތުން ވެސް ލޯނަށް ފައިސާ ނުދެއްކެވުނު ކަމަށް ވިދާޅުވިއެވެ،
"މިފަހުން އަޅުގަނޑު ވަނީ މި ފައިސާ ދެއްކުމަށް އިސްވެ ތަވާލެއްއެކުލަވާލައި، ލޯނު ރީސްޓްރަކްޗާ ކުރުމަށް ބޭންކަށް ހުށަހަޅާފައެވެ. އަދި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް ބޭންކާއެކު ޑިސެމްބަރު މަހުވެސް ދިޔައީ ކުރިއަށެވެ. މިހާލަތުގައި މި މަޝްވަރާ ކުރިއަށް ދަނިކޮށް މިގޮތަށް މިހުކުމް އައުމުން، އަޅުގަނޑުގެ ލޯޔަރުންގެ މަޝްވަރާއެކު، ހުކުމް ރިވިޔު ކުރުމަށާއި އިސްތިއުނާފު ކުރުމަށް ނިންމައި، ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ،" އާޒިމާ ވިދާޅުވިއެވެ.
އޭނާއަކީ ދައުލަތުގެ ބާރުގަދަ އެތަކެއް މަގާމެއް އަދާކުރައްވާފައިވާ މީހެއް ކަމަށާއި އެއިން އެއްވެސް މަގާމެއްގައި ހުންނަވަ މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ދައުލަތުން ނަންގާފައިނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދެއްވާފައެއް ވެސް ނުވާނެ ކަމަށެވެ.
ސިވިލް ކޯޓުން ހުކުމެއް ކުރި ނަމަވެސް އޭނާ ކުރަމުން ގެންދަވާ މަސައްކަތްތައް އެއްވެސް މިންވަރެއްގެ މަޑުޖެހުމެއް ނާންނާނެ ކަމަށާއި އަދި ފަހަތަށް ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވުމަށް ކުރަމުންދާ މަސައްކަތް، މިހާރުން ފެށިގެން ދާނީ ކުރިއަށްވުރެ ބާރަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ އެ ހުކުމަކީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ އާޒިމާގެ ގައިރު ހާޒިރުގައެވެ.
އެ ދައުވާގައި ބުނެފައި ވަނީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާއަށް ތިން މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައި ނުވާތީ، މިއަދުގެ ނިޔަލަށް ހަތަރު މިލިއަން ރުފިޔާ އެ ބޭންކަށް އާޒިމާ ދައްކަންޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އެ ފައިސާ ކުރިއަށް އޮތް ހަ މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ދައްކާ ނިމެންދެން ރަހުނު ކޮށްފައިވާ ފްލެޓް އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ހުކުމުގައިވެއެވެ.
އާޒިމާގެ މައްޗަށް މި ހުކުމް ކުރިއިރު މާލޭ ސިޓީ މޭޔަރުގެ އިންތިހާބު މި މަހު 13 ގައި ބާއްވަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު