ރާއްޖެއިން ބޭރުގެ ބޭރުގެ ޔޮޓުތަކާއި ކްރޫޒްލައިނާތަކުން ދިވެހި ދައުލަތަށް ނަގާ ފީތަކަށް ބޮޑު ލުއިތަކެ ލިބިދޭ ގޮތަށް މުޅިން އާ ގަވާއިދެއް ސަރުކާރުން މިއަދު ގެޒެޓުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއް ވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" ގެޒެޓުކޮށްފައެވެ. އެ ގަވާއިދަކީ ކުރިން އަމަލުކުރަމުން އައި ގަވާއިދު އުވާލުމަށްފަހު ހެދި އާ ގަވާއިދެކެވެ.
އަލަށް ހެދި ގަވާއިދުގައިވާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓު އުޅަނދުތަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ 90 ދުވަހެވެ. އެ ހުއްދަ ދޫކުރާނީ މޯލްޑިވްސް ކަސްޓަމް ސާވިސްއިންނެވެ. އެ ހުއްދަ 275 ދުވަހަށް އިތުރު ކުރެވޭނެ ޝަރުތުތަކެއް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދު ވާގޮތުން، ހަތް ދުވަހަށްވުރެ ކުރު މުއްދަތަކަށް އަންނަ އުޅަނދުތައް ޕަސެންޖާ ލައިނާތަކުގެ ހުއްދަ ނަގަންޖެހެއެވެ. އެއިރުން ޓުއަރިސްޓު އުޅަނދުތަކުން ދުވާލަކު ނަގާ 100 ޑޮލަރުގެ ފީ ކްރޫޒްލައިނާތަަކުން ދައްކާކަށް ނުޖެހޭނެއެވެ. އަދި ޗާޓަރު ލައިސަންސު ވެސް ނަގާކަށް ނުޖެހެއެވެ. ނަމަވެސް ޕަސެންޖާ ލައިނާތަކުން 850 ޑޮލަރުގެ ފީއެއް ކޮންމެ ދުވަހަކު މީރާއަށް ދައްކަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގައިވާ ގޮތުން ކްރޫސިން ޕާމިޓް ލިބިފައިވާ 20 މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ބަނދަރުކޮށް ހަދާ މުއްދަތަށް ދުވާލަކަށް 100 ޑޮލަރުގެ އިތުރު ފީއެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހެއެވެ. އަދި ކްރޫސިން ޕާމިޓް ދޫކޮށްފައިވާ އުޅަނދަކުން ޗާޓާއެއް ފަށާނަމަ، ކުރޫސްކުރި މުއްދަތުގެ ފީ ދައްކަން ޖެހެއެވެ. ޗާޓަރު ނުކުރާނަމަ ކޮންމެ މަހަކު އެއްފަހަރު އެ ފީ ދައްކަންވާނެ ކަމަށާއި އެގޮތުން ވޭތުވެދިޔަ މަހަށްވާ ފީ، ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކްރޫސިން ޕާމިޓް ލިބިފައިވާ 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 ދުވަހާ ހަމަޔަށް އެއްވެސް ފީއަކާ ނުލައި ދުއްވައި، ބަނދަރުކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ އަދި 90 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50 އެމެރިކާ ޑޮލަރު ދެއްކުމުން، ޝަރުތުހަމަވާނަމަ އެ އުޅަނދަކަށް 275 ދުވަހާ ހަމައަށް މުއްދަތު އިތުރުކުރެވޭނެއެވެ.
ރާއްޖެއިން ބޭރުގެ ޓޫރިސްޓް އުޅަނދު، ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ދެވިފައިވާ ހުއްދައިގެ މުއްދަތު 365 ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، ކްރޫސިން ޕާމިޓް އާ ކުރުމަށް 3،500 ޑޮލަރު މީރާއަށް ދެއްކުން ހުއްދަ އާކުރެވެން ހުންނާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު