ޖަޕާނަށް އައި ބިންހެލުމާއި ސުނާމީ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަކަށެވެ. އެ ބިން ހެލުމުގެ ސަބަބުން ޖަޕާނަށް ވަނީ ސުނާމީ އަރައިފައެވެ.

ރައީސް މުއިއްޒު، ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ޖަޕާނަށް ދިމާވެފައިވާ ގައުމީ ހިތާމައިގެ ދަނޑިވަޅުގައި އެ މަނިކުފާނު، ދިވެހި ސަރުކާރާއި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާއްސަކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

"ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތް، މި ކާރިސާއިން ގައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވަން،" ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވިއެވެ.

ޖަޕާނަށް ބިން ހެލުމެއް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި ރެކްޓާ މިންގަނޑުން 7.6 ބާރު މިނުގައެވެ. އެ ބިން ހެލުމުގެ ސަބަބުން، ރާޅުގެ އުސްމިން ތިން ފޫޓުގައި ހުރި ސުނާމީއެއް ވަނީ އަރައިފައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ ދަ ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުނީ، އެއީ ބާރުގަދަ ސުނާމީއެއް އެރުމުގެ އިންޒާރެއް ކަމަށެވެ. ނަމަވެސް ސުނާމީ އެލާޓް ދަށްކޮށްފައިވާ ކަމަށެވެ.