ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މައުލޫމާތުން ފެންނަ ގޮތުގައި، ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް ޝަހީބު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 13 ގައެވެ.

މީގެ ދެ ހަފުތާ ކުރިން ތަރުޖަމާނުގެ މަގާމަށް އައްޔަނު ކުރި ޝަހީބު، މަގާމުން ވަކި ކުރި ސަބަބެއް ސާފެއް ނޫނެވެ.

ޝަހީބު އެ މަގާމުން ވަކިކޮށްފައި މިވަނީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް ޖަވާބުދެއްވާ ގޮތުން، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ހާއްސަކޮށް ނޫސްވެރިން ވަނީ ޝަހީބު، ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ ޝަހީބަކީ ނޫސްވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރާއްޖޭގައި ފުލްޓައިމް ނޫސްވެރިންގެ ގޮތުގައި ފުރަތަމަ މަސައްކަތް ފެއްޓެވި މަދު ބޭފުޅުންގެ ތެރޭގައި ޝަހީބު ހިމެނިވަޑައިގަންނަވައެވެ. އޭނާ ނޫސްވެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ "ހަވީރު" ނޫހުގައެވެ. އެ ނޫހުގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. ޝަހީބުގެ އުފެއްދުންތެރި ލިޔުންތެރިކަމުގެ ފަންނު އެންމެ ބޮޑަށް ފެނިގެންދިޔައީ، 2000 ވަނަ އަހަރު، ޝަހީބުގެ އެޑިޓަރުކަމުގެ ދަށުން ނެރުއްވަން ފެއްޓެވި "ހުވާސް" މަޖައްލާގެ "ހަވާސް" ކޮލަމުންނެވެ.

ސަން މީޑިއާގެ ޗީފް އެޑިޓަރު ކަމާއި ސީއޯއޯ ކަމުގެ މަގާމު ވެސް ޝަހީބު ވަނީ ގިނަ އަހަރުތަކެއް ވާންދެން ފުރުއްވައިފައެވެ.

ފަހުން، 2020 ވަނަ އަހަރު ޝަހީބު ވަނީ "އަދިވެސް" ނަމުގައި އޮންލައިން ނޫހަކާއި މަޖައްލާއެއް ހިންގަވަން ފައްޓަވައިފައެވެ. އަދި އޭނާ ގެންދަވަނީ ޝަހީބު މީޑިއާގެ ނަމުގައި "މީޑިއާ ހައުސް"އެއްވެސް ހިންގަވަމުންނެވެ.